ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު (އެމްއައިއޭ)ގެ ޓާމިނަލް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އެއާޕޯޓު އޮޕަރޭޓު ކުރާ އައިލެންޑް އޭވިއޭޝިއަނުން އިއުލާނުކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަނުން ހޮނިހިރު ދުވަހު ކުރި އިއުލާނުގައިވަނީ މި މަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ހުޅުވާލާފަ އެވެ.
އެގޮތުން ބިޑް ރަޖިސްޓްރޭޝަން ފެބްރުއަރީ 12 ވަނަ ދުވަހުގެ ރޭ 11:59ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
މާފަރު އެއާޕޯޓްގެ ޓާމިނަލް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު އެ އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ރަންވޭ ބޮޑު ކުރުމަށް 27.1 މިލިއަން ޑޮލަރަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރީ ޑިސެމްބަރު 2022ގަ އެވެ.
ރަންވޭ މަޝްރޫއުގެ މައިގަނޑު މަސައްކަތެއް ގޮތުގައި ކުރަން ނިންމާފައިވަނީ މުޅި ރަންވޭ އެއްކޮށް ރީސާފޭސް ކުރުމުގެ މަސައްކަތެވެ. އެގޮތުން 2.2 ކިލޯމީޓަރަށް މިހާރު ހަދާފައިވާ ރަންވޭ 2.85 ކިލޯމީޓަރަށް ބޮޑު ކުރާނެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދައި ހުޅުވި އެމްއައިއޭ އަކީ އަބޫދާބީ ފަންޑުން ހިލޭ އެހީ ދީގެން ސިންގަޕޫރުގެ ޓަފް ކުންފުނިން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއާ އެކުގަ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާ ހިދުމަތް ދޭން ފެށީ ޑިސެމްބަރު އެކެއް، 2019 ގައެވެ.