އެމެރިކާގެ ނިއު ޔޯކްގައި ދިރިއުޅުނު ދެމަފިރިއަކު ޔޯކްޓައުން ހައިޓްސްގެ ކޯޑިއަލް ރޯޑުގައި ހުންނަ އެމީހުންގެ ގޭގައި މަރުވެފައި ތިއްބާ ފެނިއްޖެ އެވެ.
މި ދެމަފިރިންނަކީ 150 ވަރަކަށް ބުޅާ އޮޅުކޮށްގެން ގޭގައި ގެންގުޅުނު ދެމަފިރިންނެވެ. ދެމަފިރިން މަރުވެފައި ތިއްބާ ފެނުނުއިރު ބުޅާތައް ތިބީ ބަނޑުހައިވެގެން ގޮސް ހާންތިވެފައި، އެ ދެމަފިރިންގެ މަރުވެފައިވާ މަސްގަނޑު ވަށައިގެންނެވެ.
ބައެއް ބުޅާތައް ބަނޑުހައިވެގެން ކާއެއްޗެއް ހޯދަން ފަންގިފިލާ ތެރެއަށް ވަދެ ތިބިއިރު އަނެއްބައި ބުޅާ ފާރުގެ އެތަން މިތަނަށް ވެސް އަރާ ތިއްބެވެ.
އެމެރިކާގެ ސޮސައިޓީ އޮފް ދަ ޕްރިވެންޝަން އޮފް ކްރޫލްޓީ ޓު އެނިމަލްސް (އެސްޕީސީއޭ)އިން ހުކުރު ދުވަހު ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އެ ސޮސައިޓީ އުފެއްދި ފަހުން އެމީހުންނަށް ހިންގަން ޖެހުނު އެންމެ ބޮޑު ރެސްކިއު އޮޕަރޭޝަން މި ހަފުތާގައި ހިންގާފައިވާ ކަމަށެވެ. އެއީ ކުޑަ ކުޑަ ގެއެއްގެ ތެރޭގައި ބަޔަކު ގެންގުޅުނު 150 ވަރަކަށް ބުޅާ ސަލާމާތްކުރުމުގެ މަސައްކަތް ކަމަށްވެސް މި ޓުވީޓުގައި ވެއެވެ.
މި ބުޅާތައް ބަނޑަށް ހާންތިވެފައި ތިއްބާ ފުލުހުންނަށް ފެނުނީ އެ ބުޅާތައް ގެންގުޅުނު ދެމަފިރިންގެ އެއްވެސް ޚަބަރެއް ނުވެގެން އެމީހުންގެ އާއިލާގެ މީހަކު އެމީހުންގެ ވެލްފެއާ ޗެކް ކޮށްދޭން ފުލުހުން ކިބައިން އެދުމުން ފުލުހުން އެ ގެއަށް ދިއުމުންނެވެ.
ފުލުހުން ދިޔައިރު ދެމަފިރިން ގޭތެރޭގައި މަރުވެގެން ވެއްޓިފައި ތިއްބެވެ. އެ ގެއަކީ ބުޅަލަށް ބޭރަށް ނުނިކުމެވޭ ގޮތަށް ބަންދުކޮށްފައިވާ ގެއަކަށް ވެފައި ބައެއް ބުޅާތައް ތިބީ ކޮށިކޮށީގައި ބަންދުކޮށްފައި ކަމުން ބަނޑުހައިވެގެން މަރުވާވަރު ވީއިރުވެސް ބުޅާތަކަށް ކާއެއްޗެއް ހޯދަން ވެސް ނުދެވުނީ އެވެ.
މަރުވެފައިވާ ދެމަފިރިންނާ ހަމައަށްވެސް ފުލުހުންނަށް ދެވުނީ ރެސްކިއު ޓީމުތަކުން އައިސް ބުޅާތައް އެއްފަރާތްކުރުމުންނެވެ.
މި ދެމަފިރިން މަރުވި ސަބަބެއް އަދި ސާފުނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. މެޓްރޯ ޔޫކޭގައިވާ ޚަބަރެއްގައި ބުނެފައިވާ ގޮތުގައި މި ދެމަފިރިންގެ މައުލޫމާތު ވެސް އަދި ފުލުހުންނަށް ރަނގަޅަކަށް އޮޅުމެއް ނުފިލަ އެވެ.
ފުލުހުން ބުނި ގޮތުގައި ދެމަފިރިންގެ މަރަކީ ގުދުރަތީ މަރެއް ކަމަށް ލަފާ ކުރެވެ އެވެ. ދެމަފިރިންގެ މަރުގައި އެއްވެސް މީހެއްގެ އަތެއް ވާކަމަށް ލަފާ ނުކުރެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ބުޅާތަކަކީ ދެމަފިރިން ގެންގުޅުނު އެއްޗެތި ނަމަވެސް އެ އެއްޗިއްސަށް އަޅާނުލާތާ އަހަރުތަކެއް ވެފައިވާ ކަމަށް ފުލުހުން ލަފާ ކުރެ އެވެ.
ސަބަބަކީ ބުޅާތައް ބަނޑުހައިވުމުގެ އިތުރުން އެސޮރުމެންނަށް ނޭވާލުމުގެ ނިޒާމުގެ މައްސަލަތަކާއި، ލޮލާއި ހަމުގެ އިންފެކްޝަންތައް ޖެހިފައި ވުމެވެ. އަދި ކާން ނުލިބި ގޮސް އެސޮރުމެންގެ ހަށިގަނޑު އަނަރޫފަ ވެފައި ވުމުގެ އިތުރުން ގައިން ފެން މަދުވެ އެނޫންވެސް ބައެއް ކަހަލަ ބަލިތައް އެ ސޮރުމެންގެ ހަށިގަނޑުން ފެންނަން ހުރިކަމަށް ވެއެވެ.