އެމެރިކާގެ ބައެއް އަވަށްތަކުގެ މަތިން ވަޔާއެކު ދަތުރުކުރަމުން ދިޔަ ބޮޑު ފުއްޕާހަމެއް އެމެރިކާގެ ވައިގެ ސިފައިން ހޮނިހިރު ދުވަހު ހަމަލާއެއްދީ ވައްޓާލައިފި އެވެ.
ރައީސް ޖޯ ބައިޑަންގެ ޚާއްސަ އަމުރަކަށް އަސްކަރީ ޖެޓްތަކުން މި ހަން ވައްޓާލުމުން ބުރަައިގެން ގޮސް އެޓްލާންޓިކް ކަނޑަށް ފޭބި އެތިކޮޅުތައް ހޯދުމުގެ މަސައްކަތް އެމެރިކާގެ ކަނޑުގެ ސިފައިން މިހާރު ވަނީ ފަށާފަ އެވެ.
އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަނުން ބުނި ގޮތުން ޗައިނާގެ މި ހަމަކީ އެމެރިކާއަށް ޖާސޫސްކުރަން ފޮނުވި ހަމަކެވެ. އެ އިދާރާއިން މިހެން ބުނުމަށް މެދުވެރިވި ސަބަބަކީ އެމެރިކާ ސަރަހައްދުގައި ވައި ހުރި ގޮތުން މި ހަން އެމެރިކާގެ އަވަށްތަކުގެ މަތީގައި ވަަރަށް ގިނައިރު އޮތުމެވެ.
އަނެއްކޮޅުން އެމެރިކާއަށް މުހިންމު އިމާރާތްތަކުގެ މަތިން މި ހަން ދަތުރުކުރި ކަމަށްވެސް ޕެންޓަގަން ބުނެ އެވެ. މި ގޮތުން ނިއުކްލިއާ ހަތިޔާރުތަކާ ބެހޭ ބައެއް މަރުކަޒުތަކާއި އަސްކަރީ މަރުކަޒުތައް ހިމެނެ އެވެ.
އެހެން ނަމަވެސް ޗައިނާ ބުނި ގޮތުން މި ހަމަކީ މޫސުމީ ހޯދުންތަކުގައި ބޭނުންކުރާ ހަމެއް ކަމަށާއި އެއިން ކުރަނީ އިލްމީ މަސައްކަތްތަކެއް ކަމަށެވެ.
މި ހަމުގެ މައްސަލާގައި -- މިގެ ކުރިން ވެސް ދެ ގައުމުގެ ދެމެދުގައި އުދާސްވެފައި އޮތް ގުޅުން އިހުނަށް ވުރެ ހޫނުވެ ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފަ އެވެ. އަދި ޗައިނާއަށް ވުރެ އެމެރިކާއަށް ބޮޑު ނުރައްކަލެއް ނެެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން މިއަދު ޗައިނާއަށް ކުރައްވާ ގޮތަށް އޮތް ދަތުރު ވެސް ވަނީ މި ހަމުގެ މައްސަލާގައި ކެންސަލްކޮށްފަ އެވެ. ދަތުރަށް ވަކި ތާރީޚެއް އަދި ދިފައި ނުވާއިރު ވަކި މުއްދަތެއް ނެތް ގޮތަށް ދަތުރު ފަސްކުރުމަކީ ވެސް އޮތް ފުރުސަތެކެވެ.
ޕެޓަގަނުން ކުރިން ބުނި ގޮތުގައި ވައިޖަހައި ފުއްޕާފައި އޮތް މި ބޮޑުހަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ މަތިންދާބޯޓު އުދުހޭ ވައިގެ ފަށަލަތަކަށް ވުރެވެސް މަތިންނެވެ. އެހެންކަމުން މަތިންދާބޯޓުގެ ދަތުރުތަކަށް ހުރަހެއް ނެތް ކަމަށް އެއިރު ވަނީ ބުނެފަ އެވެ.
ޑިފެންސް މިނިސްޓަރު ލޮއިޑް އޮސްޓިންއާ ހަވާލާދެއްވައި ރިޕޯޓްތައް ބުނާ ގޮތުން ހަމުގެ ތެރޭގައި ކުދި އެތިކޮޅުތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެ ހިސާބަށް ފޯރާވަރުގެ އުންޑައަކުން ހަން ފަޅާލައިފިނަމަ ވިހަ އެތިކޮޅުތަކެއް ބިމަށް ފޭބުމަކީ ވެސް އޮތް ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ހަމުގެ ޒާތުގައި ދަތުރުކުރަމުން ގޮސް އެޓްލާންޓިކް ކަނޑަށްވާ ގޮތަށް ހިކިފަސް ހިސާބުން ބޭރުވަންދެން މަޑުކުރުމަށް ފަހު ހަމަލާދީ ވައްޓާލީ އެވެ.