ރަސްމާދޫ

ރަސްމާދޫ ސުކޫލުގެ ޕްރިންސިޕަލް ޗުއްޓީއަށް ދިޔަގޮތަށް "ފިލައިފި"

ރ. ރަސްމާދޫ ސުކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ޗުއްޓީއަށް ދިޔަ ގޮތަށް ވަޒީފާއަށް ނައިސް ގިނަ ދުވަސްތަކެއް ވެފައިވާތީ އެ ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މި މައްސަލަ އާއި ގުޅިގެން އަވަސްއަށް މައުލޫމާތު ދެއްވަމުން ރަސްމާދޫ ކައުންސިލުގެ ރައީސް މުހައްމަދު އާސިފް ވިދާޅުވީ ޕްރިންސިޕަލް ޗުއްޓީއަށް ދިޔަގޮތަށް ވަޒީފާއަށް ނުނިކުންނާތީ އެ މަގާމު ހުސްކޮށް އޮންނަތާ ދެމަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި އަމިއްލަފުޅަށް ވަޒީފާއިން ވަކިވުމަށް ޕްރިންސިޕަލް އެދިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ކައުންސިލް ރައީސް ވިދާޅުވީ ކުރީގެ ޕްރިންސިޕަލްގެ ލީވިންގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ މަސައްކަތް ނިމުމާއިއެކު ސުކޫލަށް އައު ޕްރިންސިޕަލެއް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ޕްރިންސިޕަލުގެ ލީވިންގެ ކަންކަން މިހާރު ކުރިއަށްދަނީ. އެ މަސައްކަތް ނިމުނީމަ އައު ޕްރިންސިޕަލެއް ހަމަޖެހޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އަންގަވާފަ އޮތީ،" އާސިފް ވިދާޅުވި އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާއަށް ހާޒިރުނުވެ ރަސްމާދޫ ސުކޫލުގެ ޕްރިންސިޕަލް ވަނީ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާފަ އެވެ.

ރަސްމާދޫ ސުކޫލު ހިންގުމާ މިހާރު ހަވާލުވެގެން ހުރީ އެ ސުކޫލުގެ ލީޑިން ޓީޗަރެކެވެ.