އަލީ ނިޒާރު

ފައިސާ ދެއްކެވުމުން އައްޑޫ މޭޔަރަށް ކުރި ދައުވާ ބާތިލްކޮށްފި

Feb 5, 2023

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނެއް ނުދެއްކެވުމުން ދައުވާކުރުމާ ގުޅިގެން ލޯނަށް ފައިސާ ދައްކައިފި އެވެ.

އަލީ ނިޒާރު ނަގާފައިވަނީ 1،248،000 ރުފިޔާގެ ލޯނެވެ. ބީއެމްއެލް އިން ނިޒާރުއާ ދެކޮޅަށް ދައުވާކުރީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުންނެވެ.

ދައުވާކޮށްފައިވަނީ ލޯނުގެ ބާކީ ފައިސާއާއި، އިންޓްރެސްޓާއި، ޖޫރިމަނާ ފައިސާގެ އިތުރުން ސާވިސް ޗާޖު އެކީ އެއް ފަހަރަކާ ނަގާ ގޮތަށެވެ.

ދައުވާކުރުމާ ގުޅިގެން އަލީ ނިޒާރު ވަނީ ފައިސާ ދައްކަވާފަ އެވެ. އެހެންވެ ބީއެމްއެލް އިން ކުރި ދައުވާ މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވިއިރު ނިޒާރު ލޯން ނެންގެވީ އޭނާގެ ނަމުގައި އޮތް ބަންޑާރަގޯއްޗަކާއި އޭނާ ހިންގަވަމުން ގެންދެވި ކްރެސް ގާޑަން ރެސްޓޯރެންޓް ރަހުނު ކުރުމަށްފަހު އެެވެ.

ނިޒާރު ނަންގަވާފައިވާ ލޯނަކަށް ފައިސާ ދެއްކުމަށްޓަކައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްއަށް ކުރައްވާފައިވާ މެސެޖުތަކެއްގެ ސްކްރީން ޝޮޓްތަކެއް ވެސް މީގެކުރިން ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވެ އެެވެ.

މެސެޖުތަކުގައިވާ ވާހަކަތައް ނިޒާރު އެ ދުވަސްވަރު ދޮގުކުރެއްވި އެވެ.