ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެ ނިންމި ނިންމުމަކީ "ބަޣާވާތެއް"ގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ސިފަކުރައްވައިފި އެވެ.
ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓްތަކުން އެމެރިކާ ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދައި އަދި ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކޮށް ބީއެމްއެލް އިން އެކަން އިއްޔެ ހެނދުނު އިއުލާން ކުރީ ވަރަށް ކުއްލި ގޮތަކަށެވެ. ނަމަވެސް އާންމު ރައްޔިތުން ނުރުހުމާއި ފާޑުކިޔުންތަކާ ގުޅިގެން އަދި ސަރުކާރުގެ ފިއްތުއްތަކާ އެކު ބީއެމްއެލްގެ އެ ނިންމުން ވަނީ އިއްޔެ މެންދުރުފަހު ބާތިލްކޮށް ކުރިންވެސް އަމަލުކުރަމުން ދިޔަ އުސޫލުން އަމަލުކުރަން ފަށާފަ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބީއެމްއެލްގެ އެ ނިންމުން ނިންމަން އުޅޭކަށް އެނގިވަޑައިގެންނެވި ހިސާބުން ސީދާ އެމަނިކުފާނު އަދި ބައެއް ވަޒީރުން ބީއެމްއެލްގެ އިސްވެރިންނާ ވާހަކަދައްވައި އެގޮތަށް އެ ނިންމުން ނުނިންމުމަށް އެދިވަޑައިގަންނަވަމުން ގެންދެވި ކަމަށެވެ. ނަމަވެސް ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ސަރުކާރުގެ ވިސްނުމާ ދެކޮޅަށް އެ ނިންމުން ނިންނެވީ "ބަޣާވާތެއް" ކަމުގައި ވިދާޅުވި އެވެ.
"މިވާނީ ހަމަ އެޓެމްޕެޑް ކޫއަކަށް. ހަމަ އެކުރި ބަޔަކު ކުރީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ބީއެމްއެލްގެ އިއްޔެގެ ނިންމުމަކީ މާ ކުރީއްސުރެއް ރޭވިގެން ހިނގާދިޔަ ކަމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އެހެންވެ ރައީސް ވިދާޅުވީ ބީއެމްއެލްގެ ނިންމުމާ ގުޅޭ މައްސަލަތައް ރަނގަޅަށް ބަލާނެ ކަމަށެވެ.
ބީއެމްއެލްގައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ނަމަވެސް ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އައްޔަންކުރަންޖެހޭ ބައެއް ބޭފުޅުން އަދި އައްޔަންކުރެވިފައި ނުވާތީ މިވަގުތު ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރުގެ މެޖޯރިޓީ ނެތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ބީއެމްއެލްގެ ބޯޑަށް ސަރުކާރުން އައްޔަންކުރަންޖެހޭ ބޭފުޅުން އައްޔަންކުރަން އަދި ދެތިން ހަފްތާ ނަގާނެ ކަމަށްވެސް ވިދާޅުވި އެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިވަގުތު ހިމެނޭ ބޭފުޅުން
- ކާލް ސްޓުމްކަ (ސީއީއޯ އަދި އެމްޑީ)
- އާއިޝަތު ސަޖްނީ
- އަލީ ފާރިސް މުހައްމަދު
- މަރިޔަމް ސުޒީ އާދަމް
- އާދިލް މޫސާ
- އަބްދުﷲ ނަސީމު
- މޫސާ ރަޝީދު
- ނަޖީމު އިބްރާހީމް ޒަކަރިއްޔާ
ރައީސް ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ތެރެއިން އިއްޔެ ގެންނަން އުޅުނު ބަޣާވާތަކީ އަވަށްޓެރި ގައުމުތަކުގައި މިފަހުން ވެރިކަން ބަދަލުކުރި ގޮތަށް ގާނޫނީ ސަރުކާރެއް ބަދަލުކުރަން ބަޔަކު ހިތްވަރު ދީގެން ކުރަމުން ދިޔަ ކަމެއް ކަމަށެވެ.
ބީއެމްއެލްގެ އިއްޔެގެ ނިންމުމާ އެކު ގައުމުގައި ދެން ހިނގާދިޔަ ކަންކަން ހިނގާދިޔަ ގޮތުން އެކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ފުލުހުން ބަލާ މިންގަނޑުން ބަލަން ފަށާތީ ރައީސް ވިދާޅުވީ ފުލުހުންނަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ފުލުހުން މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ފޮނުވަންޖެހޭ މައްސަލަތައް ޝަރީއަތަށް ފޮނުވުމުން އެއްވެސް މީހަކަށް ފިޔަވަޅު އަޅަންޖެހޭނަމަ އެއްވެސް ފަސްޖެހުމެއް ނެތި އަދި ވަކި މީހަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ޝަރީއަތަށް މިސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށާއި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ޝަރުއީ ދާއިރާ މިނިވަންވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.