ދިވެހި ގައުމު ސަލާމަތްކުރުމަށްޓަކައި މަގުމައްޗަށް ނިކުންނަން ޖެހިއްޖެނަމަ އެކަންވެސް ކުރަން ތައްޔާރަށް ހުންނެވި ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެ ނިންމި ނިންމުންތަކާ ގުޅިގެން އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ މިވަގުތު އަދި ފަހަތަށް ޖެހިގެން އެމްޑީޕީ އޮތީ ރައްޔިތުންގެ ވޯޓަކުން ހޮވާފައިވާ ސަރުކާރަށް އަދިވެސް ފުރުސަތެއް ދިނުމުގެ ގޮތުން ކަމަށެވެ.
"ގައުމުގެ އިގުތިސާދީ ހާލަތު ގޯސްވެ ގައުމުގެ ހާލަތާ މެދު އާއްމުން ކަންބޮޑުވުމުން ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި މަގުމައްޗަށް ނިކުންނަން ޖެހުމުން އެމްޑީޕީން އެކަން ކުރާނެ،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ގޮވާލުންތަކަށް ބީރު ކަންފަތެއް ދީފައިވާތީ އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވި މާލީ ގޮންޖެހުން ފަދަ ކަމެއް ރާއްޖެއަށްވެސް ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށެވެ. ގައުމު މިއަަދު އޮތް ހާލަތަށް އައީ މިސަރުކާރުގެ ނާގާބިލްކަމާއި ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަގުމައްޗަށް ނުކުންނަށް ޖެހުނު ކަމުގައި ވަންޏާމު އަޅުގަނޑުމެން އަޑު އުފުލުމަށް އަޅުގަނޑުމެން މަގުމައްޗަށްވެސް ނުކުންނާނަން،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިހާރު ތިބިހެން ތާއަބަށް ނުތިބެވޭނެ ކަމަށާއި އަވަށްޓެރި ލަންކާގަ ވީގޮތަށް ރާއްޖެއަށް ކަންކަން ނުވާނެ ގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެމްޑީޕީންވެސް އަޅާނެ ކަމުގައި ވިދާޅުވި އެވެ. ޖަލަށް ލާފާނެތީ ނުވަތަ މުދާ އަތުލަފާނެތީ ނުވަތަ ފުރާނައަށް ގެއްލުމެއް ދީފާނެތީ ޝުއޫރު ފާޅުކުރަން ޖެހިލުންވާ ބަޔަކު އެމްޑީޕީގައި ނުތިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ މިސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ ބަހާއި އަމަލު ދިމާ ނުވާ ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވި އެވެ.