ދުނިޔެ

މަހުޖަނުންގެ ލިސްޓުގެ އެއް ވަނަ އަނެއްކާވެސް ބިލް ގޭޓްސް އަށް

Jan 27, 2016

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ އާ ލިސްޓެއް މި އަހަރު ފުރަތަމަ ފަހަރަށް އާންމުކުރިއިރު ލިސްޓްގެ އެއް ވަނަ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ޝަރަފް ހޯދާފައިވާ ބިލް ގޭޓްސް އަށް ލިބިއްޖެ އެވެ.

މައިކްރޮސޮފްޓްގެ ކޯ-ފައުންޑާ ގޭޓްސް އަކީ ދުނިޔެ ދުށް އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. ވެލްތު އެކްސް ނަމަކަށް ކިޔާ ވެލްތު-ޓްރެކިން ވެބްސައިޓަކުން ބިޒްނަސް އިންސައިޑާ އަށް ފޯރުކޮށްދީފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ލިސްޓެއްގެ ދެ ވަނާގައި އުޅޭ ސްޕެއިންގެ ހެދުން ރީޓެއިލް ވިޔަފާރިވެރިޔާ އަމާންޝީއޯ އޯޓޭގާ އާއި ގޭޓްސްއާ ދެމެދު 20 ބިލިއަން ޑޮލަރުގެ ތަފާތެއް އެބަހުއްޓެވެ.

އެންމެ މުއްސަނދި މީހާގެ ޝަރަފް ގޭޓްސް ގެންދަނީ 87.4 ބިލިއަން ޑޮލަރާ އެކުގަ އެވެ. އޯޓޭގާ ލިސްޓްގެ ދެ ވަނާގައި އޮތީ 66.8 ބިލިއަން ޑޮލަރާ އެކުގަ އެވެ.

މި ލިސްޓްގެ އަދަދުތަކަށް ބަލާލާއިރު ލިސްޓުން ފާހަގަކޮށްލެވޭ އެންމެ މުއްސަނދި އަންހެނަކީ ވޯލްމާޓް ވިޔަފާރީގެ އެލިސް ވޯލްޓަން އެވެ. އޭނާގެ މިލްކިއްޔާތު 33.2 ބިލިއަން ޑޮލަރަށް އަރަ އެވެ. ވޯލްޓަންގެ ނަން އޮތީ މި ލިސްޓްގެ 15 ވަނައިގަ އެވެ.

ލިސްޓްގެ ތިން ވަނާގައި 60.7 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާ އެކު އުޅެނީ އެމެރިކާގެ ވިޔަފާރިވެރިޔާ ވޮރެން ބަފެޓެކެވެ.

ފޭސްބުކްގެ ފައުންޑާ މާކް ޒަކަބާގް އޮތީ މި ލިސްޓްގެ އަށް ވަނައިގަ އެވެ. އެއީ 42.8 ބިލިއަން ޑޮލަރާ އެކުގަ އެވެ.

ބިލިއަނަރުންގެ މި ލިސްޓަށް އަރަނީ މިލްކިއްޔާތުގައި މަދުވެގެން 14.3 ބިލިއަން ޑޮލަރު ހުންނަ މީހުންއިން ފެށިގެންނެވެ.