ލ. ގަން

ކުރިން އަޅުކަންކުރަން އުޅުނު ބުދެއް ގަމުން ފެނިއްޖެ

ރާއްޖެ އިސްލާމްވުމުގެ ކުރިން ދިވެހިން އަޅުކަންކުރަން އުޅުނު ބުދެއް އިއްޔެ ލ. ގަމުން ފެނިއްޖެ އެވެ.

މި ބުދު ފެނުނީ ގަމު މުކުރިމަގު އަވަށުގައި މަސައްކަތެއް ކުރުމަށްޓަކައި އެ ރަށު ވަލު ތެރޭގައި ހުންނަ ގިނަ ދުވަސްވީ ބޮޑު ވެލިފުންޏަކުން ގެނައި ކަޅު ވެލިތަކެއްގެ ތެރެއިންނެވެ.

މިއީ ހިރިގަލުން ހަދާފައިވާ ގާތްގަނޑަކަށް ހަތް އިންޗީގެ ބުދެކެވެ. މި ބުދު މިހާރު އޮތީ އެ ރަށުގައި ހުންނަ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ބެލުމުގެ ދަށުގަ އެވެ.

ލ. ކައިދޫއިން ވަނީ 2018 ވަނަ އަހަރު މި ފަރުމާއަށް ހުރި ބުދެއް ފެނިފަ އެވެ. މިފަދަ ބުދުތަކަކީ މީގެ 10 ވަރަކަށް ގަރުނު ކުރީގެ ތަކެއްޗެވެ.

ރާއްޖެ އިސްލާމްވީއިރު ވެސް ލ. ގަމަކީ ބުދު ދީނުގެ މައި މަރުކަޒެކެވެ. މިގޮތުން ގަމުގައި ހުންނަ ހަތްތެއްޔަކީ ބުދު ދީނުގެ އަޅުކަންތަކަށް އެ ޒަމާނުގައި ބޭނުންކޮށް އުޅުނު މައި އެއްތަނެވެ. އުސްމިނުގައި 24 ފޫޓު ހުންނަ މި ހަތްތެލިން ވެސް މީގެ ކުރިން ވަނީ ބުދުތަކާއި އާސާރީ އެތައް ތަކެއްޗެއް ފެނިފަ އެވެ. ނަމަވެސް ކުރިން ހުރި އުސްމިނާއި އަޅާ ބަލާއިރު ހަތްތެލި މިހާރު ކުޑަކަން ފާހަގަކުރެވެ އެވެ.

މީގެ އިތުރުން ގަމު ކުރުހިންނަ ސަރަހައްދުގައި ހުރި ބުދު ފައްޅިއަކުންނާއި ބުންބެރަ ސަރަހައްދުގައި ހުރި ފައްޅިއަކުން ވެސް ވަނީ ބުދު ފެނިފަ އެވެ.