ފިނިޕޭޖް

ކިޓް ހެރިންގްޓަންއާއި ރޯޒްއަށް ދެވަނަ ކުއްޖަކު ލިބެނީ

"ގޭމް އޮފް ތްރޯންސް"ގެ ކިޓް ހެރިންގްޓަން އާއި ރޯޒް ލެސްލީއަށް ދެވަނަ ކުއްޖެއް ލިބެނީ ކަމަށް ބުނެފި އެވެ.

އުމުރުން 36 އަހަރުގެ ކިޓް މިހެން ބުނީ "ދަ ޓުނައިޓް ޝޯ ސްޓާރިން ޖިމީ ފެލަން" އަށް މިދިޔަ ހުކުރު ދުވަހު އަރާފަ އެވެ.

ކިޓް އާއި އަންހެނުން، 35 އަހަރުގެ ރޯޒް ލެސްލީގެ ފުރަތަމަ ދަރިފުޅު -- ފިރިހެން ކުއްޖަކު ލިބިފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.

ކިޓް ބުނީ ފުރަތަމަ ކުއްޖަކު ލިބުމާ ދެވަނަ ކުއްޖަކު ލިބެން އުޅުމާމެދު ކުރާ އިހްސާސްތައް ވަރަށް ތަފާ ތުކަމަށެވެ. ކުރިއަށް ވުރެ މިހާރު ޕްރެކްޓިކަލް ވާންޖެހެ އެވެ. އެމީހުންގެ ފުރަތަމަ ކުއްޖާ އެކަމަށް ތައްޔާރުކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ކިޓް ބުނީ އޭނާގެ ފުރަތަމަ ކުއްޖާ ވަރަށް ވިސްނުން ތޫނު ކަމަށެވެ. ކިޓް އާއި ރޯޒް އަކީ އެކްޓަރުންނަށް ވުމުން އެ ވިސްނުންތޫނުކަން ދަރިފުޅަށް އައީ ކިހިނެތް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ކިޓް އާއި ރޯޒް ލޯބީގެ ގޮތުން ގުޅުނީ "ގޭމް އޮފް ތްރޯންސް" ކުޅުމުގެ ތެރެއިން 2011 ވަނަ އަހަރު އެވެ. އަދި ކައިވެނި ކޮށްފައިވަނީ ޖޫން 23، 2018 ގައެވެ.