ފިނިޕޭޖް

ޕޯލް ރަޑް: "އޭންޓްމޭން"ގެ އާ ފިލްމަށް ފިޓްވާން އުނދަގޫވި

މާވެލް ސްޓޫޑިއޯގެ "އޭންޓްމޭން އެންޑް ދަ ވާސްޕް: ކުއަންޓުމޭނިއާ" މިމަހުގެ 17 ވަނަ ދުވަހު ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

މާވެލް ސިނަމެޓިކް ޔުނިވާސްގައި "އޭންޓްމޭން" ނޫނީ ސްކޮޓް ލޭންގެ ރޯލް އަދާކުރާ 53 އަހަރުގެ ޕޯލް ރަޑް ބުނީ މި އާ ފިލްމަށް ކުރީގެ ފިލްމަށް ވުރެ ފިޓްވުމަށް ވަރަށް ބޮޑަށް އުނދަގޫވި ކަމަށެވެ.

ޕޯލް ބުނީ މި ފިލްމަށް ތައްޔާރުވާން ޖެހުނުއިރު އޭނާ ކުރިއަށްވުރެ ޝޭޕްކަޓާފައި ހުރި ކަމަށާއި އޭނާގެ ހެދުންތައްވެސް ބާރުވާން ފެށި ކަމަށެވެ.

އެހެންނަމަވެސް ޕޯލްގެ ހިތްވަރާއި މިންނަތުން އެކްސަސައިޒްކޮށް ހަށިގަނޑަށް ބަދަލު ގެނެސްފައިވެ އެވެ.

ޕޯލް ބުނީ އޭނާ ބަލަނީ އުފާވެރި މެދުމިނެއްގައި ބެހެއްޓޭތޯ އެވެ. އެއީ އޭނާ ފުރިހަމައަށް ކައިގެން އެކްސަސައިޒް ކުރުމުންވެސް ގިނަ އެވެންޖާސް އޭނާއަށް ވުރެ ރީތިވާނެ ކަމަށެވެ.

ޕޯލް މިހެން ބުނި ނަމަވެސް ޕޯލްގެ ޒުވާންކަމާ މެދު ގިނަ ފޭނުން ވަނީ ހައިރާންވެފަ އެވެ.

ޕޭޓަން ރީޑް ޑައިރެކްޓް ކުރި "އޭންޓްމޭން އެންޑް ދަ ވާސްޕް: ކުއަންޓުމޭނިއާ" ގައި އެވަންޖެލިން ލިލީ ހޯޕް ވެން ޑައިން ނޫނީ ވާސްޕްގެ ރޯލުން ފެނުމުގެ އިތުރުން، މިޝޭލް ފައިފާ، މައިކަލް ޑަގްލަސް އަދި ކެތްރިން ނިއުޓަން ފެނިގެންދާނެ އެވެ.

ޕޯލް ރަޑްގެ ކެރިއަރަށް ބަލާލާއިރު އޭނާ ވަނީ ގިނަ ސީރީޒް، ފިލްމް އަދި ތިއެޓާ ގައި މަސައްކަތްކޮށްފަ އެވެ. މިގޮތުން ފާހަގަކޮށްލެވޭ ފިލްމް އަދި ސީރީޒްގެ ތެރޭގައި "ކްލޫލެސް"، "ހެލޮވީން: ދަ ކާސް އޮފް މައިކަލް މަޔާސް"، "ރޯމިއޯ + ޖޫލިއެޓް"، "އެންކާމޭން: ދަ ލެޖެންޑް އޮފް ރޮން ބާގަންޑީ" ގެ ދެ ފިލްމް، "ނޮކްޑް އަޕް"، "އެވެންޖާސް"ގެ ފިލްމްތައް، "ގޯސްޓް ބަސްޓާސް: އާފްޓާލައިފް"، "ފްރެންޑްސް"، "ލިވިން ވިތް ޔޯސެލްފް" ހިމެނެ އެވެ.