ލައިފްސްޓައިލް

ރަން ފިހާރައެއް ފަޅާލަން އުޅެ ނާކާމިޔާބުވުމުން "ސޮރީ"ގެ ނޯޓެއް

ހިންދީ ފިލްމުތަކުގައި ފިހާރަ ފިހާރަ ފަޅާލާ ގޮތަށް އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ މީރަޓްގެ ރަންފިހާރަ އެއް ފަޅާލަން އުޅެފި އެވެ. ދެ މީހަކު ވެގެން މި ފިހާރަ ފަޅާލަން މަސައްކަތްކުރީ 15 ފޫޓުގެ ބިންގަރާހެއް ކޮނެގެން ފިހާރަ ތެރެއަށް ވަދެ ތިޖޫރީ ހަލާކުކޮށްލައިގެންނެވެ. ނަމަވެސް ވަރަށް ބުރަ މަސައްކަތް ކޮށްގެން ވެސް އެކަން ވާގޮތް ނުވުމުން އެންމެ ފަހުން "ވީ އާ ސޮރީ" (އަހަރެމެންނަށް މައާފުކުރާށޭ) އޭ ކިޔާފައި ނޯޓެއް ލިޔެ ބާއްވާފައި އެމީހުން ވަނީ ގޮއްސަ އެވެ.

ޗުންނޫ އާއި މުންނޫ ނަމަކަށް ކިޔާ މި ދެ މީހުން ފުލުހުން ފަހުން ވަނީ މި ދެ މީހުން ހޯދާފަ އެވެ.

މި ދެ މީހުން އެ ފިހާރަ ފަޅާލަން މަސައްކަތް ކޮށްފައި ހުރިކަން ފިހާރައިގެ ވެރިމީހާ އަށް އެނގުނީ އަނެއް ދުވަހު ހެނދުނު ފިހާރަ ހުޅުވިއިރު ފިހާރަ ތެރެ އޮތް ގޮތުންނެވެ. ބިންގަރާސް ކޮނެގެން ފިހާރަތެރެއަށް ވަންނަން މަސައްކަތް ކޮށްފައިވާ ކަން ހާމަ ވުމުންނެވެ.

އެމީހުން ބިންގަރާސް ކޮނެގެން ފިހާރަތެރެއަށް ވަދެ ތިޖޫރީ ކަފާލުމަށް ގޭސް ކަޓަރުވެސް ގެނެސްފައި ހުއްޓެވެ. ނަމަވެސް އޭގެން ވެސް ތިޖޫރީ ހަލާކުކޮށްލެވޭގޮތް ނުވީ އެވެ.

އެ މީހުން މި ފިހާރަ ފަޅާލުމަށްފަހު ސީސީޓީވީގެ ކެމެރާގެ ހާޑް ޑްރައިވް ވެސް ވަގަށް ނަގާފައި ވެއެވެ. އެމީހުން ފިހާރަ ފަޅާލާތަން ފެނުނު ނުދިނުމަށެވެ.

ފުލުހުން ބުނި ގޮތުގައި މި ދެ މީހުން ބިންގަރާސް ކޮނެފައިވަނީ އެތައް ދުވަހެއްގެ މަސައްކަތުން ކަމަށް ގަބޫލު ކުރެވެ އެވެ.

ވައްކަން ކުރީ ކޮން ބައެއްކަން އެނގުނަސް އެމީހުން އަދި ހޯދައި ހައްޔަރެއް ނުކުރެ އެވެ. އެމީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތީމަ އެވެ. އެހިސާބުގަނޑުގައި ހުރި އެހެން ކެމެރާތަކަށް މި މީހުން އަރާފައި ވޭތޯ ވެސް ފުލުހުން ބަލަމުންދާ ކަމަށް ބުނެފައި ވެއެވެ.