ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޓާޝަރީ ހޮސްޕިޓަލްތަކާއެކު މާލެ ގެންނަ ބަލިމީހުން މަދު ކުރެވިއްޖެ

ސަރުކާރުން ވައުދުވެފައިވާ ފަސް ޓާޝަރީ ހޮސްޕިޓަލް ނިންމުމަށްކުރާ މަސައްކަތްތަކާއެކު މާލެއަށް ގެންނަންޖެހޭ ބަލިމީހުންގެ އަދަދު މިހާރުވެސް ވަރަށް ބޮޑަށް ދަށްކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތް މަރުކަޒުވެފައި އޮތުމުން ކުރިމަތިވާ ޒަމާންވީ ގޮންޖެހުންތައް ގިނަ ކަމަށާއި އެކަމުން އަރައިގަނެވޭނެ ދެމެހެއްޓެނިވި މަޝްރޫއަކީ ސަރަހައްދީ ޓާޝަރީ ހޮސްޕިޓާތައް ކަމަށެވެ.

"ކަރުދާހުގައި އޮންނަ ކުލަ ކުރެހުންތައް ދޫކޮށް، އަމަލީ މަސައްކަތުގައި މި މަޝްރޫއު އެ ދަނީ ހިނގަމުން" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ހަމައެކަނި ކުޅުދުއްފުށީ ހޮސްޕިޓަލަށް ބެއްލެވި ނަމަވެސް ގެނެވުނު ތަރައްގީގެ ލިސްޓް ދިގު ކަމަށެވެ. އެ ހޮސްޕިޓަލުން މުޅިން އަލަށް ޒަމާނީ ހިދުމަތްތަކެއް ދޭން ފެށިފައިވާ ކަމަށް ވިދާޅުވި އެވެ.

"އެމްއާރްއައި، ކަކުލު ހުޅު ބަދަލުކުރާ އޮޕަރޭޝަން، ލެޕްރޮސްކޯޕިކް ސާޖަރީ، މެމޯގްރާމް އަދި މިނޫންވެސް އެކި ހިދުމަތްތައް ފެށިއްޖެ،" ރައީސް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މުވައްޒަފުން އިތުރުކުރެވުނު ކަމަށް ވިދާޅުވި އެވެ. އެގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުންނާއި ނަރުހުންނާއި ޓެކްނިކަލް އަދި އިދާރީ މުވައްޒަފުންގެ ގޮތުގައި 144 މުވައްޒަފުން އިތުރުކުރެވުނު ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުން މީގެ ކުރިން މާލެއަށް ރިފާކުރި ބަލި މީހުންގެ 24 ޕަސަންޓް މިހާރުވެސް ދަށްކުރެވިފައިވާ ކަމަށެވެ. މި ބަދަލު ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކަށް އަންނާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ އަދި ނިމުމެއް ނޫން. ހިދުމަތް ފުޅާވެ ކުރިއަރާ ދިޔަވަރަކަށް މި ކުރިއެރުމަށް ބޭނުންވާ ބަދަލު ސަރުކާރުން ގެންނާނަން. އަދި މިއީ ހަމައެކަނި ކުޅުދުއްފުއްޓާއި އައްޑޫއާ ހަމައިން ނިންމާލާ ކަމެއްވެސް ނޫން. ގދ. ތިނަދޫ، ލ. ގަމާއި ރ. އުނގޫފާރުގެ ޓާޝަރީ ހޮސްޕިޓަލަށްވެސް ހަގީގީ މާނައިގައި ޓާޝަރީ ބަދަލު ސަރުކާރުން އެބަ ގެންނަން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 12 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އަދި ހަ ރަށެއްގައި 50 އެނދުގެ ހޮސްޕިޓަލް އިމާރާތް ކުރައްވާނެ ކަމަށެވެ.

ސިއްހީ ދާއިރާއާމެދު ސަރުކާރުގެ ތަސައްވުރު ފުރިހަމަ ވާނީ އެ ހޮސްޕިޓަލްތަކާއެކު ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ސެންޓާ ފޮ މެންޓަލް ހެލްތުއިން މިހާތަނަށް 60،000 އަށްވުރެ ގިނަ ކޮންސަލްޓޭޝަން ހަދާފައިވާ ކަމަށެވެ. އަދި 3،000 އަށްވުރެ މަތީގައި އޮތް ވެއިޓް ލިސްޓް މިއަދު 411 އަށް ދަށްކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި މެންޓަލް ހެލްތު ހިދުމަތް ގާއިމު ކުރެވިފައިވާ ކަމަށާއި މާލެ އާއި އައްޑޫގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ގާއިމުކޮށް ހިދުމަތް ފެށިފައިވާ ކަމަށެވެ.

ރަނގަޅަށް ހިނގަމުންދިޔަ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު އަތް ދޫކޮށްލުމަކީ ސިއްހީ ނިޒާމަށް ދިމާވި އެންމެ ބޮޑު ދެރަ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.