ތޮއްޖެހިފައިވާ މާލޭގެ މާހައުލަށް ބަދަލު ގެނެސް، މާލޭ ސިޓީއަކީ ގްރީން ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މާލެ ސިޓީއަކީ ގްރީން ތަނަކަށް ހެދުމަށް ރައީސް ޔާމީން ހަރުދަނާ ސިޔާސަތެއް ގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.
މަސީގެ "ބިލްޑް އެންޑް ހޯމް އެކްސްޕޯ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މާލޭގެ ތޮއްޖެހިފައިވާ މާހައުލަށް މި ދެ އަހަރެއްގެ ތެރޭގައި ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައިވާ ކަމަށާއި މާލެ އަކީ ކްލީން އަދި ގްރީން ތަނަކަށް ހެދުމަށް ރައީސްގެ ލަފާފުޅާއެކު އަޅަންޖެހޭ ފިޔަވަޅުތައް ހައުސިން މިނިސްޓްރީން އަޅަމުން ގެންދާ ކަމަށެވެ.
މާލޭގެ މާހައުލަށް ބަދަލު ގެނައުމުގެ ގޮތުން ރެޑީ މިކްސް ސިމެންތި ތައާރަފުކުރަން ރައީސް ނިންމެވި ކަމަށް މުއިއްޒު ވިދާޅުވި އެވެ. މިއަދު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ރެޑީ މިކްސް ސިމެންތި ތައާރަފްކޮށްފަ އެވެ. މުއިއްޒު ވިދާޅުވީ، އެސްޓީއޯއަށް މާލެއިން ވަގުތީ ބިމެއް ދީގެން ރެޑީ މިކްސިންގެ މަސައްކަތް ފަށާފައިވީ ނަމަވެސް މާލޭގެ ބިން ހިއްކައިގެން ހަދާ އިންޑަސްޓްރިއަލް ވިލެޖް އެޅުމުން އެ ސަރަހައްދުން ބިން ދޫކޮށް، އެހެން ފަރާތްތަކަށް ވެސް ތައްޔާރީ ސިމެންތި ތައްޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"އިންޑަސްޓްރިއަލް ވިލެޖް އެޅުމުން މާލޭގެ އެތެރޭގައި މެޓީރިއަލް ބަހައްޓައިގެން މަގު ބަންދުކޮށްގެން ކޮންސްޓްރަކްޝަން މަސައްކަތް ކުރުން ބަދަލުކޮށް، މާލޭގެ އެތެރޭގައި މަސައްކަތް ކުރަމުންދާ ނިޒާމަށް ބަދަލު ގެނެވޭނެ، އޭރަށް މާލޭގެ އެތެރެ ވަރަށް ސާފު ގޮތުގައި، އިމާރަތް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ވެސް ވަރަށް ކުޑަ ވަގުތު ކޮޅަކަށް މަގު ބަންދު ކޮށްލައިގެން މަސައްކަތް ކުރެވިގެންދާނެ، އެއީ ރައީސް ޔާމީންގެ ސިޔާސަތުގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ މި އަހަރުގެ ނިޔަލަށް އެ އަމާޒު ހާސިލުވެގެންދާނެ،" މުއިއްޒު ވިދާޅުވިއެވެ.
އާންމު ދިރިއުޅުމަށް އުނދަގޫ ތަންތަން ވެސް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ލަކުޑި ގުދަން، ވޯކްޝޮޕް ފަދަ ތަންތަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.