ދުނިޔެ

އިޒްރޭލުގެ އަޔަން ޑޯމްތައް ޔުކްރޭނަށް ފޮނުވުމާ މެދު ގޮތެއް ނިންމަނީ

އެމެރިކާ އާއި އިޒްރޭލުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިޒްރޭލުގައި އުފައްދާ -- އެންމެ ޒަމާނީ މިސައިލް ޑިފެންސް ސިސްޓަމް -- އަޔަން ޑޯމްތައް ޔުކްރޭނަށް ފޮނުވުމާ މެދު ވަރަށް އަވަހަށް ގޮތެެއް ނިންމަވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ރަޝިއާއިން ޔުކްރޭނަށް ފޮނުވާ މިސައިލްތައް ހުއްޓުވުމަށްކައި މީގެ ކުރިންވެސް ޔުކްރޭނުން ވަނީ އަޔަން ޑޯމް ފޯރުކޮށްދިނުމަށް އިޒްރޭލުގެ ކިބައިން އެދިފަ އެވެ. އެހެންނަމަވެސް، ރަޝިއާ އާއި އެކު އޮންނަ ގާތް ގުޅުމެއްގެ ސަބަބުން އިޒްރޭލުގައި ކުރިން އޮތް ސަރުކާރަށް ވަނީ އެކަން ކުރަން ނުކެރިފަ އެވެ.

އެކަމަކު މިދާކަށް ދުވަހު -- އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައި ތިބި ބައިގަނޑެއް ކެބިނެޓަށް ޖަމާކުރައްވައި -- ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ނަތަންޔާހޫ ވަނީ ޔުކްރޭނަށް އަސްކަރީ އެހީދިނުމަށް އިޒްރޭލު ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

ނަތަންޔާހޫ މިހެން ވިދާޅުވި ނަމަވެސް ޔުކްރޭނަށް އަޔަން ޑޯމް ފޯރުކޮށްދިނުމަކީ އިޒްރޭލަށް ފަސޭހަކަ ކަމަކަށް ވާނެ ކަމަކަށް ނުބެލެވެ އެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލުން ދަނީ އިންސާނީ އެހިތެރިކަން ޔުކްރޭނަށް ފޯރުކޮށްދެމުންނެވެ. އަދި އަޔަން ޑޯމް ނޫނަސް އިޒްރޭލަށް ވެދެވިދާނެ އެހީތައް ހުރި ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

ނަތަންޔާހޫ މި މޭރުމުން ވާހަކަދެއްކެވުމުން ދޭހަވަނީ އަޔަން ޑޯމް ފޯރުކޮށްދެއްވި ނަމަވެސް އެއީ އެމެރިކާގެ ޕްރެޝަރަށް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. އަދި ކުއްލި ގޮތަކަށް ރަޝިއާ ރުޅިއަރުވާލުމަކީ ޔަހޫދީ އިޒްރޭލަށް ވެސް ދަތި ކަމެއް ކަމަށެވެ.