ފިނިޕޭޖް

ޖޫޑް ލޯ އާއި ނިކޮލަސް ހޯލްޓް "ދި އޯޑާ"ގައި

ޖޫޑް ލޯ އާއި ނިކޮލަސް ހޯލްޓް ޓްރޫ ކުށްތަކެއް ދައްކުވައިދޭ ފިލްމެއް ކަމުގައިވާ "ދި އޯޑާ" ކުޅެނީ އެވެ.

މި ފިލްމު ޑައިރެކްޓްކުރާނީ "މެކްބެތް" ޑައިރެކްޓް ކުރި ޖަސްޓިން ކާޒެލް އެވެ. އަދި ސްކްރިޕްޓް ލިޔެފައިވަނީ "ކިންގް ރިޗަޑް" ލިޔުނު ޒެކް ބެއިލިން އެވެ.

"ދި އޯޑާ" ބިނާކޮށްފައިވަނީ ކެވިން ފްލިން އާއި ގެރީ ޖަހާޑްގެ "ދަ ސައިލެންޓް ބްރަދާހުޑް" އަށެވެ.

މި ފޮތުގައި ގެނެސްދީފައިވަނީ ވައިޓް ސުޕްރިމަސިސްޓް ޑޮމެސްޓިކް ޓެރާ ގްރޫޕެއް ކަމުގައިވާ ދަ ސައިލެންޓް ބްރަދާހުޑްގެ އިތުރުވަމުންދާ އަނިޔާވެރި އަދި ނުރައްކާތެރި ކުށްތަކުގެ ވާހަކަ އެވެ.

ފޮތަށް ބަލާއިރު މި ފިލްމުގެ ޕްލޮޓްގައި ފެންނާނީ 1983 ގައި އަނިޔާވެރިކަން އިތުރުވަމުންދިޔަ ބެންކް ފޭރުންތަކަކާއި ކައުންޓަފީޓްކުރުމުގެ އޮޕަރޭޝަންތަކާއި އާމާޑް ކާރު ފޭރުންތަކުގެ ސަބަބުން އެމެރިކާގެ ޕެސިފިކް ނޯތް ވެސްޓް ސަރަހައްދުގެ މީހުން ބިރުވެރިކަމެއްގައި ތިއްބަ އެވެ.

ޕޮލިހުން ގޮތް ހުސްވެފައިވަނިކޮށް، އައިޑޭހޯގެ ރީތި ރަށެއް ކަމުގައިވާ ސޯ ޑަލީންގައި ސްޓޭޝަންކޮށްފައިވާ އެފްބީއައި އޭޖެންޓަކަށް ގަބޫލުކުރެވެނީ އެ ކުށްތަކަކީ ފައިސާގެ ބޭނުމުގައި ކުރާ ކުށްތަކެއް ނޫން ކަމަށާއި އެއީ ވަރަށް ރެޑިކަލް އަދި ކެރިސްމެޓިކް ލީޑަރެއްގެ ބަހަށް ހެއްލިގެން ގޮސް އެމެރިކާގެ ފެޑެރަލް ސަރުކާރާ ހިލާފަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާނެ ފަދަ ދާހިލީ ހަނގުރާމައެއް ކުރުމުގެ ބޭނުމުގައި ކުށްކުރާ ޑޮމެސްޓިކް ޓެރާ ގްރޫޕެއް ކަމަށެވެ.

މިގޮތުން އެފްބީއައި އޭޖެންޓުގެ ރޯލް އަދާކުރާނީ ޖޫޑް ލޯ އެވެ. އަދި ސައިލެންޓް ބްރަދާހުޑްގެ ލީޑަރުގެ ރޯލް އަދާކުރާނީ ނިކޮލަސް ހޯލްޓެވެ.

މި ފިލްމްގެ ޕްރޮޑަކްޝަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހު ކެނެޑާގެ އަލްބާޓާގަ އެވެ.

ޖޫޑް ލޯ އެންމެ ފަހުން ފެނިފައިވަނީ 2022 ގައި ނެރުނު "ފެންޓާސްޓިކް ބީސްޓްސް: ސީކްރެޓްސް އޮފް ޑަމްބަލްޑޯ" ގައެވެ. އަދި ކުރިއަށް އޮތް ޕްރޮޖެކްޓްތަކުގެ ތެރޭގައި އޭނާ ވަނީ މިއަހަރު ތެރޭގައި ޑިޒްނީ ޕްލަސް އިން ނެރޭ "ޕީޓާ ޕޭން އެންޑް ވެންޑީ"ގައި ކެޕްޓަން ހުކްގެ ރޯލް އަދާކޮށްފަ އެވެ. މީގެ އިތުރުން "ފަޔާބްރޭންޑް" އާއި "ސްޓާ ވޯޒް: ސްކެލެޓަން ކްރޫ" ހިމެނެ އެވެ.

ނިކޮލަސް ހޯލްޓް އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ރިލީޒްކުރި "ދަ މެނިއު" އިންނެވެ. އަދި ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ނޮކޮލަސް ކޭޖްއާ އެކު "ރެންފީލްޑް" "ވައިލްޑް ފަޔާ ޖިނީ" އަދި "ގާފީލްޑް" ހިމެނެ އެވެ.