ޕީޕީއެމް

ރައީސްއަކީ ސޯލިހެއް ނޫން، ބަޔާނަށް ޖަވާބު ދޭކަށް ނުޖެހޭ: އަދުރޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއަކީ ރާއްޖޭގެ ރައީސް ނޫން ކަމަށާއި ރިޔާސީ ބަޔާނަށް ޖަވާބު ދޭން ނުޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސް ސޯލިހް މިއަދު ރިޔާސީ ބަޔާން އިއްވަވާފައިވާއިރު އަދުރޭ ވިދާޅުވީ ރައީސްއަކީ ސޯލިހް ނޫން ކަމަށެވެ.

ރައީސަކީ ފައިސަލް ނަސީމް ކަމަށް ގަބޫލު ކުރައްވާ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދުރޭ ވިދާޅުވީ ފެބްރުއަރީ 25، 2022ގައި ރައީސް ސޯލިހް ކަރުގެ އޮޕަރޭޝަނެއް ކުރައްވަން ރައީސްކަމުގެ މަސްއޫލިއްޔަތު ނައިބު ރައީސް ފައިސަލް ނަސީމްއާ ހަވާލު ކުރެއްވި ކަމަށެވެ. ފައިސަލް ރައީސް ކަމުގެ ހުވާ ކުރެއްވި ފަހުން ރައީސް ސޯލިހްއާ ވެރިކަން ހަވާލުކުރިކަން ދިވެހިންނަށް ނޭނގޭ ކަމަށެވެ.

"އެ ދުވަހު އެ ހުވާ ކުރެއްވި ހިސާބުން ފެށިގެން މި ދައުރު ނިންމަން ޖެހޭނީ ފައިސަލް ނަސީމް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތަކީ." އަދުރޭ ވިދާޅުވި އެވެ. އެހެންކަމުން މިއަދު އިއްވި ރިޔާސީ ބަޔާނަށް ރައްދު ދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ބޭރު މީހުންނަށް ތިލަފުށީން ބިން ވިއްކަން ހުޅުވާލާފައިވާއިރު އަދުރޭ ވިދާޅުވީ ރާއްޖެ ވިއްކާ ހުސްކޮށްފައިވާ ކަމަށެވެ،

"އިބްރާހިިމް މުހައްމަދު ސޯލިހް މުޅި ރާއްޖެ ވިއްކާ ހުސްކޮށްފި" އަދުރޭ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމް-ޕީއެންސީގެ މެންބަރުން ވަނީ އިހުތިޖާޖުކޮށްފަ އެވެ.