ކުޅިވަރު

ޕްރިމިއާ ލީގުގައި ކުޅުނު އަޓްސޫ ތުރުކީ ބިންހެލުމުގައި ގެއްލިގެން ހޯދަނީ

އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކަކަށް ކުޅުނު ގާނާގެ ވިންގް ކްރިސްޓިއަން އަޓްސޫ، މިއަދު ފަތިހު ތުރުކީ އާއި ސީރިޔާ އަށް އައި ބިންހެލުމުގައި ގެއްލިގެން ހޯދަމުން ދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 31 އަހަރުގެ އަޓްސޫ މިހާރު ކުޅެމުން އަންނަނީ ތުރުކީގެ ހެޓޭސްޕޯ އަށެވެ. އެޓީމަށް އަޓްސޫ ބަދަލުވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މިއަދު ފަތިހު އައި ރެކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި ތުރުކީ އާއި ސީރިޔާ އިން މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 1700 އަށް ވަނީ އަރައިފަ އެވެ. ބިންހެލުމުގައި އެތައް ހާސް ބަޔަކަށް އަނިޔާވިއިރު ގިނަ އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަޓްސޫއާ އެކު އެޓީމުގެ ސްޕޯޓިން ޑިރެކްޓަރު ޓަނާ ސަވުތު ވެސް ވަނީ ގެއްލިފަ އެވެ. ގެއްލުން ލިބުނު އިމާރާތްތަކުން އެ ކްލަބުގެ އެހެން ބައެއް ކުޅުންތެރިން ވަނީ ސަލާމަތްކޮށްފަ އެވެ.

2011 ވަނަ އަހަރު ޕޯޓޯ އިން ކްލަބް ކެރިއަރު ފަށައި އަޓްސޫ ވަނީ 2013 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވެފަ އެވެ. އޭގެފަހުން އަޓްސޫ ވަނީ ޕްރިމިއާ ލީގުގެ އެވަޓަން އާއި ބޯންމައުތުގެ އިތުރުން ނިއުކާސަލް ޔުނައިޓެޑަށް ކުޅެފަ އެވެ. ލޯނު އުސޫލުން އެންމެ ފުރަތަމަ ނިއުކާސަލަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ. އެ ކްލަބުގައި ފަސް ސީޒަން ހޭދަކުރިއިރު ރަނގަޅު ކުޅުމެއް ދެއްކި އެވެ.

އަޓްސޫ ވަނީ ނެދަލެންޑްސްގެ ވިޓެސީ އާއި ސްޕެއިންގެ މަލާގާ އަށް ވެސް ކުޅެފަ އެވެ.

އަޓްސޫ ތުރުކީގައި ކުޅޭ ކްލަބް ނިސްބަތްވަނީ އެގައުމުގެ އަންޓަކްޔާ އަށެވެ. އެއީ ސީރިޔާ ބޯޑަރާ ކައިރިން ތުރުކީގެ ދެކުނުން އޮންނަ ހެޓޭ ޕްރޮވިންސް އަށް ނިސްބަތްވާ ސިޓީ އެކެވެ.

އަޓްސޫ ވަނީ އެޓީމު އާދީއްތަ ދުވަހު ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މޮޅުވި ގޯލު ޖަހައިފަ އެވެ.

އަޓްސޫގެ އިތުރުން ދެވަނަ ޑިވިޝަނުގެ ކްލަބެއްގެ ގޯލްކީޕަރަކު ވެސް ވަނީ ގެއްލިފަ އެވެ. ނުރައްކާތެރި ބިންހެލުމާއި ގުޅިގެން ތުރުކީގެ ހުރިހާ ފުޓްބޯޅަ މެޗެއް މިހާރު ވަނީ މެދުކަނޑާލާފަ އެވެ.