އެމެރިކާގެ އަވަށްތަކުގެ މަތިން ވަޔާއެކު ދަތުރުކުރަމުން ދިޔަ ފުއްޕާ ހަމެއްގެ މައްސަލައިގައި ބެއިޖިން އާއި ވޮޝިންގްޓަނާ ދެމެދު މިހާރު އޮތީ ދުންބުރައި އުދާސްވެފަ އެވެ.
ޗައިނާ ބުނާ ގޮތުން އެއީ މަދަނީ ބޭނުންތަކުގައި -- މޫސުމާ ގުޅުން ހުރި އިލްމުތައް ދެނެގަތުމަށް ބޭނުންކުރި ހަމެކެވެ. އެމެރިކާ ބުނާ ގޮތުން ޗައިނާގެ ބޭނުމަކީ ޖާސޫސްކުރުމެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭސް ސުލިވާން ވިދާޅުވި ގޮތުގައި އެޓްލާންޓިކް ކަނޑަށް ވައްޓާލި ފުއްޕާހަމުގެ އެތިކޮޅުތައް ހޯދައި އެއްކުރަން ދުވަސް ނަގާނެ އެވެ.
އޭނާ އަދި ވިދާޅުވީ އެމެރިކާގެ އުއްމީދަކީ ހަމުން ބުރައިގެން ދިޔަ އެތިކޮޅުތައް އެއްކުރުމަށްފަހު އެ ހަން ކުރިން އޮތް ގޮތަށް ނަކުލުކުރުން ކަމަށެވެ. އަދި މި ހަމާ ބެހޭ ގޮތުން އެމެރިކާއަށް ކުރިން އެނގިފައި ނެތީ ކޮން އެއްޗެއްތޯ ބެލުން ކަމަށެވެ.
ސުލިވާން ވިދާޅުވި ގޮތުގައި އެމެރިކާގެ ކަނޑުގެ ސިފައިންނާއި ކޯސްޓް ގާޑުން ގުޅިގެން ހަމުގެ އެތިކޮޅުތައް ހޯދުމުގެ މަސައްކަތް ވަރަށް ބުރަކޮށް ކުރަމުން ގެންދޭ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން ވަނީ ހަން ވެއްޓުނު ހިސާބުގައި -- ކަނޑުގެ ބޮޑު ސަރަހައްދެއް ބަންދުކޮށް އުޅަނދުފަހަރު ދަތުރުކުރުން މަނާކޮށްފަ އެވެ.
ހަމުގެ އެތިކޮޅުތައް އެމެރިކާއަށް ވަރަށް މުހިއްމު އެއްޗަކަށް ވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އެއިން ކިތަންމެ ކުޑަ އެތިކޮޅުތަކެއް އަތުޖެހުނު ނަމަވެސް، ޗައިނާއަށް ރައްދުކުރުމުގެ ވިސްނުމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވި ހަމުގެ އެތިކޮޅުތައް ވަކިވަކިން ޓެސްޓްކުރުމަށްފަހު ޗައިނާ ކުރަން ވަކި ކަމެއް ގަސްދުކޮށްފައި އޮތް ނަމަވެސް ދެނެގަނެވޭނެ ކަމަށެވެ. އަދި ޖާސޫސްކުރުމުގައި ޗައިނާ ހޯދާފައި ހުރި ކުރިއެރުންތައް ދެނެގަނެވޭނެ ކަމަށެވެ.