އީޕީއޭ

ވެލާ ފެޅީ ކެންދޫ ބައެއް، ފިޔަވަޅު އަޅާނަން: އީޕީއޭ

ބ. ކެޔޮދޫގައި މިދިޔަ ހުކުރު ދުވަހު ވެލާ ފަޅައި ކައްކަނިކޮށް އަތުލައިގަތް ފަސް މީހުންނަކީ އެ ރަށަށް ނިސްބަތްވާ މީހުން ކަމަށާއި، އެ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން މިއަދު ބުނީ ފުލުހުން އެ ރަށަށް ދިޔައިރު އެ ރަށުގައި ގިނަ އަދަދަކަށް ވެލާ މަސް ހުރި ކަމަށާއި ޖުމުލަ ހަ ވެލާ ފަޅާފައިވާ ކަމަށެވެ.

ފުލުހުންނާއި އީޕީއޭގެ އިތުރުން ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހުގެ މުވައްޒަފުން ވެސް ވަނީ އެ ރަށަށް އަރައި މި މައްސަލަ ތަހުގީގުކޮށް ހެކި ހޯދުމުގައި ހަރަކާތްތެރިވެފަ އެވެ.

މި މައްސަލައިގައި ވެލާ ކައްކަން ތިބި ފަސް މީހުންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ނެގުމަށްފަހު ދޫކޮށްލާފަ އެވެ. އަދި ތަހުގީގު ނިމުމާ އެކު އެ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭ އިން ވަނީ ބުނެފަ އެވެ.

ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކަހަނބުގެ ހުރިހާ ބާވަތެއް ރާއްޖޭގައި ވަނީ ހިމާޔަތްކޮށްފަ އެެވެ.