ފިނިޕޭޖް

"އައި ނޯ ވަޓް ޔޫ ޑިޑް ލާސްޓް ސަމާ"ގެ ސިކުއެލްއެއް ހަދަނީ

ސޮނީ ޕިކްޗާސް އިން ކާމިޔާބު ކަމާއެކު "ސްކްރީމް" ރީ ލޯންޗުކުރުމަށްފަހު، ސަސްޕެންސް ހޮރޯ ފިލްމު "އައި ނޯ ވަޓް ޔޫ ޑިޑް ލާސްޓް ސަމާ"ގެ އިތުރު ސިކުއެލްއެއް ނެރެނީ އެވެ.

ޑެޑްލައިން އާއި ދަ ހޮލީވުޑް ރިޕޯޓާ އިން ބުނާ ގޮތުގައި 25 އަހަރު ފަހުން ހަދާ މި ސިކުއެލްގައި އާ ކާސްޓް މެމްބަރުންގެ އިތުރުން އެ ފިލްމު ފްރެންޗައިޒްގެ އޮރިޖިނަލް ކާސްޓް މެމްބަރުންގެ ތެރެއިން 43 އަހަރުގެ ޖެނިފާ ލަވް ހިއުވިޓް އާއި 46 އަހަރުގެ ފްރެޑީ ޕްރިންޒް ޖޫނިއާ ހިމެނޭނެ އެވެ.

މި ސިކުއެލް ޑައިރެކްޓްކުރާނީ "ޑޫ ރިވެންޖް"ގެ ޑައިރެކްޓަރު ޖެނިފާ ކޭޓިން ރޮބިންސަން އެވެ. އަދި ސްކްރިޕްޓް ލިޔާނީ ލިއާ މެކްކެންޑްރިކް އެވެ.

"އައި ނޯ ވަޓް ޔު ޑިޑް ލާސްޓް ސަމާ"ގެ ފުރަތަމަ ފިލްމު ޑައިރެކްޓްކޮށްފައިވަނީ ޖިމް ގިލެސްޕީ އެވެ. މި މިފިލްމުގައި ޖެނިފާ އާއި ފްރެޑީގެ އިތުރުން ފްރެޑީގެ ހަގީގީ އަނބިމީހާ ސޭރާ މިޝޭލް ގެލާ، ރަޔާން ފިލިޕޭ، ޖޮނީ ގަލެކީ އާއި ބްރިޖެޓް ވިލްސަން ސަމްޕްރާސް ހިމެނެ އެވެ.

މި ފިލްމްގައި ހައި ސްކޫލް ގްރެޖުއޭޝަންގެ ރޭގައި ޓީނޭޖަރުންތަކެއްގެ ކާރު އެކްސިޑެންޓްވެ، މީހަކު މަރުވެ އެވެ. އަދި އެންމެން އެއްބަސްކިޔާ، އެކަން ފޮރުވަ އެވެ. އެކަމަކު އެކަމުގެ ހަގީގަތް އެނގޭ މީހަކު މެސެޖު ފޮނުވާ، އެ ކުދިން ސްޓޯކްކުރަން ފަށަ އެވެ.

މި ފިލްމަށް 1998 ގައި ސިކުއެލް އެއް ހެދި އެވެ. އަދި 2006 ގައި އެއްވެސް އޮރިޖިނަލް ކާސްޓް މެމްބަރެއް ނުހިމަނާ އަދި އޮރިޖިނަލް ވާހަކައާ ނުގުޅުވާ، ޑައިރެކްޓް-ޓު-ވީޑިއޯ ފިލްމެއް ނެރުނެވެ.

މީގެ އިތުރުން 2021 ގައި އެމެޒޯން ޕްރައިމް ވީޑިއޯއިން އާ ކާސްޓަކާ އެކު "އައި ނޯ ވަޓް ޔު ޑިޑް ލާސްޓް ސަމާ"ގެ ސީރީޒްގެ އެއް ސީޒަން ނެރުނެވެ.