ދިއްގަރު

ދިއްގަރުގައި ލޯންޗެއް ގޮވައި ދެ މީހަކު ފިހިއްޖެ

މ. ދިއްގަރު ފަޅުގައި އޮތް ލޯންޗެއް ގޮވައި ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

މި ހާދިސާއާއި ގުޅިގެން އަވަސްއަށް މައުލޫމާތު ދެއްވަމުން ދިއްގަރު ކައުންސިލުގެ ރައީސް އަހްމަދު ނިޝާން ވިދާޅުވީ މި ހާދިސާ ހިނގީ މިއަދު ހެނދުނު 9:50 ހާއިރު ކަމަށެވެ. އަދި އަލިފާން ރޯވެ ގޮވީ "އަސުރުމާ" ނަމަކަށް ކިޔާ ލޯންޗެއް ކަަމަށް ވިދާޅުވި އެވެ.

ހާދިސާ ހިނގިއިރު ލޯންޗުގައި ތިބީ ދެ މީހުންނެވެ. އަދި ލޯންޗު ގޮވީ މަސް ބާނަން ދާން ވެގެން ސްޓާޓްކޮށްލި ވަގުތުގައި ކަމަށް ނިޝާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އަނިޔާ ލިބިފައިވާ ދެ މީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށާއި އިތުރު ފަރުވާއަށް އެ ދެ މީހުން ވެސް މާލެ ގެނެސްފައިވާ ކަމަށެވެ.

"އެ ދެމީހުން ވަރަށް ބޮޑަށް ފިހިފައި ތިބީ. އަޅުގަނޑުމެން އެވަގުތު އެމަޖެންސީގައި ހޮސްޕިޓަލަށް އެމީހުން ގެންދިޔައިން. މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެންދެވިފައި،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ލޯންޗު މޫދަށް ތިރިކޮށް އަލިފާންގަނޑު ނިއްވާލުމަށްފަހު މިހާރު އެއްގަމަށް އަރުވާފައިވާ ކަމަށްވެސް ނިޝާން މައުލޫމާތު ދެއްވި އެވެ. އަދި ލޯންޗުގެ ބޮޑު ބައި އަނދާފައިވީ ނަމަވެސް، އިންޖީނުގައި ރޯ ނުވާކަން ނިޝާން ފާހަގަކުރެއްވި އެވެ.