ފިނިޕޭޖް

ޕެރެމައުންޓް ޕްލަސް އިން "1923" ރިނިއުކޮށްފި

ޕެރެމައުންޓް ޕްލަސްގެ ރެކޯޑްތައް މުގުރާލި ވައިލްޑް ވެސްޓް ޑްރާމާ ސީރީޒް "1923" ދެވަނަ ސީޒަނަށް ރިނިއުކޮށްފި އެވެ.

7.4 މިލިއަން ބެލުންތެރިންނާއެކު މިއީ މިހާތަނަށް ޕެރެމައުންޓް ޕްލަސްގެ ސީރީޒްތަކުގެ ތެރެއިން އެމެރިކާގައި އެންމެ ގިނަ މީހުން ބެލި ސީރީޒެވެ.

މި ސީރީޒްގެ އަދި މިހާތަނަށް ދައްކާފައިވަނީ ފަސް އެޕިސޯޑެވެ. ތިން އެޕިސޯޑް އަދި ނުދައްކާ އެބަ އޮތެވެ.

"ޔެލޯސްޓޯން"ގެ ޕްރީކުއަލް އަދި "1883"ގެ ސިކުއަލް ކަމުގައިވާ "1923" ގައި ލީޑް ރޯލް އަދާކުރަނީ 80 އަހަރުގެ ހެރިސަން ފޯޑް އާއި 77 އަހަރުގެ ހެލަން މިރެން އެވެ.

ކްރިޓިކުން ފާހަގަކުރީ މި ދެ އެކްޓަރުންގެ އުމުރު ކިތަންމެ ދޮށީވީނަމަވެސް، ދެ މީހުންގެ މެދުގައިވާ ކެމިސްޓްރީ ވަރަށް ވަރުގަދަ ކަމަށެވެ.

މި ސީރީޒްގައި ހެރިސަން އާއި ހެލަން އަދާކުރަނީ ޖޭކަބް ޑަޓަން އާއި އަންހެނުން ކޭރާގެ ރޯލެވެ. މިއީ "ޔެލޯސްޓޯން"ގެ ކެވިން ކޮސްޓްނާގެ ކެރެކްޓާގެ އިހުގެ ބައެކެވެ.

މި ސީރީޒްގައި ފެންނަނީ ޖޭކަބް އަދި ކޭރާ ޑަޓަންގެ ހަޔާތުގައި ދިމާވާ ކަންތައްތަކެވެ. އަދި ޑަޓަން ފެމިލީ ރޭންޗްއާއި ޖެހިގެން އޮންނަ ނޭޓިވް އެމެރިކަން "އިންޑިއަން" ރިސަވޭޝަނާއި އެ ހިސާބުގަނޑު ތަރައްގީކޮށް މުއްސަނދިވާން ބޭނުންވާ ވިޔަފާރިވެރިންނާ ދެމެދު ބޯޑަރުގެ މައްސަލަތައްވެސް މި ސީރީޒްގައި ފެނެ އެވެ.

ހެރިސަން އަދި ހެލަންގެ އިތުރުން މި ސީރީޒްގައި ބްރެންޑަން ސްކްލެނާ، ޑެރަން މޭން، މިޝޭލް ރެންޑޯލްފް، ޖޭމްސް ބެޖް ޑޭލް، މާލީ ޝެލްޓަން، އާމިނާ ނިއެވްސް ފަދަ ތަރިން ހިމެނެ އެވެ.

"1923" ރިނިއުކުރާ ކަމުގެ ހަބަރު ޕެރެމައުންޓް އިން އިއުލާންކުރުމުގެ ކުރިން، ދަ ޓުޑޭ ޝޯގައި ހެރިސަން ހޯސްޓް ސެވާނާ ގަތްރީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެ ސީރީޒް ރިނިއުކުރާނަމަ އެ ކުޅެން ތައްޔާރު ކަމަށެވެ.

"1923"ގެ ދެ ސީޒަންގައިވެސް ހިމެނޭނީ އަށް އެޕިސޯޑެވެ. އަދި ދެވަނަ ސީޒަން ރިލީޒްކުރާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.