ފިނިޕޭޖް

"ކާސްޓް"ގައި އަންޖަނިއު އެލިސް

އޮސްކާއަށް ނޮމިނޭޓްވެފައިވާ 53 އަހަރުގެ އަންޖަނިއު އެލިސް "ކާސްޓް" ގައި ލީޑް ރޯލް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

"ކާސްޓް" އަކީ އިޒަބެލް ވިލްކާސަންގެ "ކާސްޓް: ދި އޮރިޖިން އޮފް އަވާ ޑިސްކޮންޓެންޓް"ގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.

މި ވާހަކަގައި ގެނެސްދީފައިވަނީ އެތައް މީހެއްގެ ހަޔާތުގެ ހަގީގީ ވާހަކަ އެވެ. އަދި މިފޮތުގައި ތާހީހަށް ބަލާއިރު އެމެރިކާ ކާސްޓް ސިސްޓަމަކުން ބައްޓަންވެގެން އައިގޮތާއި ކުރީގެ އިންސާނުންގެ ހައިރާކީ މިހާރުވެސް އަސަރުކުރަމުންދާ ގޮތް ގެނެސްދެ އެވެ.

އަންޖަނިއުގެ އިތުރުން، އޯޑްރާ މެކްޑޮނަލްޑް އާއި މައިލްސް ފްރޮސްޓް، ނީސީ ނޭޝް-ބެޓްސް، ޖޮން ބާންތަލް، ވެރަ ފާމިގާ، ނިކް އޮފާމަން، ޖޭސްމިން ސެފަސް ޖޯންސް އަދި ކޮނީ ނީލްސަން ވެސް މި ޕްރޮޖެކްޓާ ވަނީ ގުޅިފަ އެވެ.

އެވާ ޑު ވާނޭ ޑައިރެކްޓްކުރާ މިފިލްމްގެ ސްކްރިޕްޓްވެސް ލިޔެފައިވަނީ އޭނާ އެވެ. މިފިލްމުގެ ޕްރޮޑަކްޝަން އަދި ޝޫޓިން މިހާރު ވަނީ ފަށާފަ އެވެ.

މިއީ އެވާ އާއި އަންޖަނިއު، ވެރާ އަދި ނީސީ އެކުގައި މަސައްކަތްކުރާ ދެވަނަ ފަހަރެވެ.

މި ތިން ތަރިން މީގެ ކުރިން މަސައްކަތްކުރީ 2019 ގައި ނެރުނު ނެޓްފްލިކްސް ސީރީޒް "ވެން ދޭ ސީ އަސް" ގައެވެ. އަދި މި ސީރީޒްގައި އަންޖަނިއު އާއި ނީސީގެ އެކްޓިންއަށް އެމީ ނޮމިނޭޝަން ލިބިފައިވެ އެވެ.