ރައްޔިތުންގެ މަޖިލިސް

މަޖިލީހަކީ ވަކި ބައެއްގެ ރާޒުވާ ކުޅިގަނޑެއް: ޣަފޫރު

ރައްޔިތުންގެ މަޖިލީހަކީ ވަކި ބަޔަކު ސަރުކާރަށް ފާޑުކިޔަން ގެންގުޅޭ ޕްލެޓްފޯމެއް ކަމަށް ވިދާޅުވެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅުނު އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގައި ސަރުކާރުގެ އިދާރާތައް ހިންގަމުން އަންނާތީ ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރަން ޖެހޭތީ މިކަމަށް އަވަސް ހައްލެއް ހޯދުމަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ޣަފޫރު ވިދާޅުވީ ބައެއް ބޭފުޅުންނަށް ސަރުކާރުން ކުރާ އެއްވެސް ރަނގަޅު ކަމެއް ނުފެންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލިސް ބޭނުން ކުރައްވަނީ އެ ބޭފުޅުން ސަރުކާރަށް ފާޑު ކިޔަން ގެންގުޅޭ ޕްލެޓްފޯމެއް ގޮތުގައި ކަމަށެވެ.

"މި މަޖިލީހަކީ ތިބޭފުޅުން ގޭމު ކުޅެން އޮތް ރާޒުވާ ބޯޑެއް ކަމަށް ހައްދަވައިގެން މިހާރު ތި އުޅުއްވަނީ،" ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު މިގޮތަށް ވާހަކަދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އެވަގުތު އިންނެވި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ގޮތާއި މެދު ކަންބޮޑުވެވަޑައިގެންނެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ކޯޅުން ބޮޑުވެފަައިވާއިރު ޣަފޫރު ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ އެކު އެވެ. ހަސަން އަފީފް ހުންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އެކު އެެވެ.

މަޖިލީހުގެ ތަޅުމުގައި ވަކި ބަޔަކު އެއްޗެއް ބުނަންވީމާ އެ ފުރުސަތު ލިބޭ ކަމަށާއި ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންނަށް މަޖިލީހުގައި ވާހަކަ ދެއްކުމަށް ވަރަށް ބޮޑަށް ދަތިކުރަމުންދާ ކަމަށްވެސް އަބްދުލްގަފޫރު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ޣަފޫރު ވިދާޅުވީ ސަރުކާރަށް ތާއީދުކުރައްވާ މެންބަރަކު ވާހަކައެއް ދައްކަވައިފިނަމަ ނަން އިއްވާ މަޖިލީހުން ބޭރު ކުރައްވާ ކަމަށެވެ.

"އެހެންވީމާ ހަރާންކޯރުވާންވެސް ތިވަރު ތަންކޮޅެއް ބޮޑު. އަޅުގަނޑުމެން އަތުގައި އޮތް މެޖޯރިޓީއެއްގައި ތި ގޮނޑިއަށް އަރާ ތި ތިބެނީ ތިބޭފުޅުންނަށް،" ހަސަން އަފީފަށް ނިސްބަތްކުރައްވާ ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވާހަކަ ދެއްކެވި ގޮތުން ހަސަން އަފީފް ވަނީ އޭނާގެ ވާހަކަ ހުއްޓުވައި ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށާއި މައުލޫއަށް ވާހަކަދެއްކެވުމަށް ޣަފޫރަށް ހަނދާންކޮށްދެއްވާފަ އެވެ.