އެޗްޑީސީ

90 ޕަސަންޓް ބިން ވިއްކަނީ ދިވެހިންނަށް: އެޗްޑީސީ

ތިލަފުށި ދެވަނަ ފިޔަވަހިން 150 ހެކްޓަރުގެ ބިމެއް ހިއްކާ ބޭރު މީހުންނަށްވެސް ގަނެވޭ ގޮތަށް ސިނާއީ ބޭނުމަށް 50 ބިން ވިއްކުމަށް އެޗްޑީސީ އިން ހުޅުވާލުމާ ގުޅިގެން އަމާޒުވާ ބޮޑެތި ފާޑުކިޔުންތަކަށް އެޗްޑީސީން ރައްދު ދީފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 10 އިންސައްތަ ބިމަކީ ބޭރުގެ ވިޔަފާރިތަކަށް ބިޑު ކުރެވޭ ގޯއްޗަށްވީ ނަމަވެސް އެ މީހުންވެސް އަމަލުކުރަން ޖެހޭނީ ރާއްޖޭގައި މިހާރު ހަދާފައިވާ ގަވައިދުތަކަށާއި އިދާރާތަކުން ހަދާފައިވާ އުސޫލުތަކަށް ކަމަށެވެ.

މިބަޔާނުގައި ތިލަފުށްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ނޫންކަން ފާހަގަކޮށްފައިވެ އެވެ.

ދިވެހި ވިޔަފާރިތަކަށް ހާއްސަ ކުރެވިފައިވާ ވިޔަފާރިތައް ކަމުގައިވާ މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މަސައްކަތްތަކަށް ބޭރުގެ ވިޔަފާރިތަކުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ބޭރުގެ ވިޔަފާރިތަކަށް ދޫކުރާ ބިންތަކުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެޗްޑީސީން ދިވެހިންނާއި ބިދޭސީންނަށްވެސް ބިން ގަތުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު އެވެ. ދިވެހިންނަށް ބިން މިލްކުކުރެވޭއިރު ބިދޭސީންނަށް 99 އަހަރަށް ބިން ލިބެ އެވެ.

ތިލަފުށިން ބީލަމުގެ އުސޫލުން ބޭރު މީހުންނަށް ބިން ވިއްކަން ހުޅުވާލުމާ ގުޅިގެން ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބީލަމުގެ އުސޫލުން ބޭރު މީހުންނަށް ބިން ވިއްކުން ހުއްޓާލުމަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހެޅުއްވި އެވެ. ނަމަވެސް އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.