މުހައްމަދު ނާޒިމް

ރައްޔިތުންނަށް ފައިދާ ނުވާ ރިސޯޓުތަކެއް ބޭނުމެއް ނޫން: ނާޒިމް

Feb 8, 2023
10

ރަށްރަށުގެ ކައިރީގައި ހަދާފައި ހުންނަ ރިސޯޓުތަކުން އެ ރަށްތަކުގެ ރައްޔިތުންނަށް ފައިދާއެއް ނުލިބޭނަމަ އެފަދަ ރިސޯޓުތަކުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކ. ގުރައިދޫއަށް ވަޑައިގެން މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޕީގެ ރިޔާސީ ޓިކެޓް ކަށަވަރުކުރައްވާފައިވާ ނާޒިމް ވިދާޅުވީ ފަތުރުވެރިކަމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރަންޖެހޭނީ ރިސޯޓުތަކުގެ ކައިރީގައިވާ ރަށްތަކަށް ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި ރަށްރަށުގެ ރައްޔިތުންނަށް އެގޮތަށް މަންފާ ލިބޭނެކަން ޔަގީންކުރައްވާނެ ކަމުގައި ނާޒިމު ވިދާޅުވި އެވެ.

"ކައިރީގައި ރިސޯޓުތައް އޮވެ، ރަށްތަކަށާ ރައްޔިތުންނަށް އޭގެ ނަފާ ނުލިބޭނަމަ އެ ރިސޯޓުތަކުގެ ބޭނުމެއް ނެތް،" ނާޒިމު ވިދާޅުވި އެވެ.

ގުރައިދޫ ފަޅުތެރޭގައި ރިސޯޓެއް އޮތް ކަން ފާހަގަކުރައްވާ ނާޒިމް ވަނީ އެމަނިކުފާނުގެ ވެރިަކަމެއްގައި ލޯކަލް ޓޫރިޒަމް ކުރިއަރުވައި ރާއްޖޭގެ ފަތުރުވެރިކަމަށް ގެންނާނެ ބަދަލުތައްވެސް ހިއްސާ ކުރައްވާފަ އެވެ.

ނާޒިމުގެ ޓޫރިޒަމާ ގުޅޭ ބައެއް ވައުދުތައް:

  • ރިސޯޓުތަކުން ރަށްރަށަށް އެކްސްކާޝަންތަކަށް އަންނަން އެންގުން
  • ރަށްރަށުގައި ގެސްޓް ހައުސްތައް އަޅައި ޒުވާން ވިޔަފާރިވެރިންނާއި ހަވާލުކުރުން
  • އެ ރަށަކުން ލިބޭ ގްރީން ޓެކްސް އާމްދަނީގެ ބޮޑު ޕަސަންޓެއް އެ ރަށްތަކަށް ލިބޭ ގޮތް ހަދުން

ނާޒިމް އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުތަކުންނާއި އަދުގެ ސަރުކާރުންވެސް ގުރައިދޫގެ ތަރައްގީއަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި ހިންގާފައި ހުރި މަޝްރޫއުތަކަކީވެސް ޕްލޭނަކާއި ނުލައި ކޮށްފައި ހުރި މަސައްކަތްތަކެއް ކަން މިއަދު ހާމަވަމުންދާ ކަމުގައި ވިދާޅުވި އެވެ.

"ބަނދަރު ހަދައި ބިން ހިއްކާ ނަރުދަމާ އެޅައިގެނެއް ނޫން ތަރައްގީ ލިބެނީ. އެ ބިން ރައްޔިތުންނަށް ދޫކޮށް، ރައްކާތެރިކަން ލިބުނީމަ ތަރައްގީ ލިބެނީ،" ނާޒިމް ފާހަގަކުރެއްވި އެވެ.

އެމްއެންޕީގެ ވެރިކަމެއްގައި އުފާވެރިކަމާއިއެކު އަސާސީ ބޭނުންތައް ފުއްދުމުގެ ގާބިލުކަން ލިބިގެންވާ، ފުދުންތެރި ރައްޔިތުންތަކެއް ބިނާ ކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށާއި ރައްޔިތުންގެ ބޭންކް އެކައުންޓަކީ ހިތްހަމަޖެހޭ ވަރަށް ފައިސާ ހުންނަ އެކައުންޓް ތަކަކަށް ހަދާނެ ކަމުގައިވެސް ނާޒިމު ވިދާޅުވި އެވެ.

ގުރައިދޫގައި ލޯކަލް ޓޫރިޒަމް ކުރިއަރުވައި ރަށަށް ތަރައްގީ ގެނައުމުގެ ގޮތުން އެމަނިކުފާނާއި އެމްއެންޕީގެ ފަރާތުން ގުރައިދޫގައި 10 ފަންގިފިލާގެ ގެސްޓް ހައުސްއެއް އަޅަމުންދާކަން ނާޒިމް ފާހަގަކުރެއްވި އެވެ. އަދި މިފަދަ ދެ ގެސްޓްހައުސްއެއް ގުރައިދޫގައި އަޅާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން މިދަނީ އެ މަސައްކަތް ކުރަމުން. މިހާރު 10 ފަންގިފިލާގެ ގެސްޓް ހައުސްއެއް އެދަނީ އެޅެމުން. އަދި ޖެހިގެން އޮތް ބިން އަނެއްކާ ވެސް އެ ތައްޔާރުވަނީ،" ނާޒިމް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ނާޒިމު ވަނީ ގުރައިދޫއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދީ، ސިއްހީ ފަރުވާގެ ނިޒާމާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެމަނިކުފާނުގެ ވެރިކަމެއްގައި އިސްކަމެއް ދެއްވާނެ ކަމުގައިވެސް ވިދާޅުވެފަ އެވެ.

އެމްއެންޕީ އިން މިއަދު ވަނީ އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ގުރައިދޫގައި ޖަގަހައެއް ވެސް ހުޅުވާފައެވެ.