ގާސިމް އިބްރާހިމް

މިވެރިކަމުގައި ހަމަނޭވާލައިގެން އުޅުމުގެ ފުރުސަތު ލިބުނު: ގާސިމު

Feb 8, 2023
6

މީގެކުރީގެ ސަރުކާރުތަކާ ހިލާފަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެމަނިކުފާނަށް ހަމަނޭވަލައިގެން އުޅުއްވުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީ -- ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް -- މ. ކުނޫޒުގައި މިއަދު އޮތް ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ގާސިމު ވިދާޅުވީ 1984 ވަނަ އަަހަރު އެމަނިކުފާނު ވިޔަފާރި ފެއްޓެވި ފަހުން ވިޔަފާރިއަށް ދަތިވާ ގޮތަށް އަމަލުނުކުރާ އެއްވެސް ސަރުކާރެއް ރައީސް ސޯލިހްގެ ސަރުކާރު ފިޔަވާ ނެތް ކަމަށެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުގައި ވިޔަފާރިއަށް އެފަދަ ދަތިކަމެއް އުދަނގުލެއް އަދި ނެތް ކަމުގައި ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނު އިސްލާހަށް ކުރައްވާ މަސައްކަތްތަކާ ގުޅިގެން ކުރީގެ ސަރުކާރުތަކުން ވިޔަފާރިއަށް ގެއްލުންދީ މުދާ ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެތައް ފަހަރަކު ޖަލަށްލައި އަނިޔާ ދީފައިވާކަން ފާހަގަކުރެއްވި އެވެ.

ވެރިކަމަށް ވުރެެ އެމަނިކުފާނު އަބަދުވެސް ބޭނުންވަނީ މި ގައުމަށް ރަނގަޅު ގޮތްވެ ރައްޔިތުންނަށް ފައިދާވުން ކަމުގައި ގާސިމު ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އިސްލާހަށް ކުރެއްވި މަސައްކަތްތަކާ ގުޅިގެން އެމަނިކުފާނަށް އަނިޔާ ލިބިވަޑައިގެންނެވި ނަމަވެސް މި ގައުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ފެއްޓެވި ތަފާތު ވިޔަފާރިތަކާ ގުޅިގެން އެކި ގޮތްގޮތުން ހެޔޮ ރަނގަޅު ގޮތްތަކާއި ފައިދާވީ ބޭފުޅުން ތިއްބަވާނެ ކަމުގައި ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވިޔަފާރިއަށް މިސަރުކާރުން ގެއްލުމެއް ދީފައި ނުވި ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ސަރުކާރުގެ ކަންކަމުގައި މަޝްވަރާ ކުރަންޖެހޭ މިންވަރަށް އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ދެމެދު މަޝްވަރާ ކުރެވިފައި ނެތް ކަމުގައި ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އޮތީ ވެރިކަން ކުރާ ކޯލިޝަންގައި ކަމަށްވީ ނަމަވެސް ރައީސް ސޯލިހް އެއްބަސްވެވަވަޑައިގެންނެވި ގޮތަށް ޖޭޕީއަށް ލިބެންޖެހޭ މިންވަރަށް މަގާމުތައް ލިބިފައި ނެތް ކަންވެސް ގާސިމް ފާހަގަކުރެއްވި އެވެ. އެކަމަކު ސަރުކާރާ ގުޅޭ ކަންކަމުގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތެއް އަބަދުވެސް ރައީސް ސޯލިހަށް ދަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމަލުކުރާނެ ގޮތްތަކެއް މިމަހު ބާއްވާ ޖޭޕީ ގައުމީ ކޮންގްރެސްއަށް ފަހު ނިންމާނެ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. ރައީސް ސޯލިހް ގެންދަވަނީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށްޓަކައި ސިޔާސީ ޕާޓީތަކާ މަޝްވަރާކުރައްވައިގެން ބޮޑު ކޯލިޝަނެއް ހެއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ކަށަވަރުވެފައިވީ ނަމަވެސް ރަސްމީކޮށް އަދި ޓިކެޓް ހަވާލެއް ނުކުރެ އެވެ.