ބޮލީވުޑް

ޕްރަބާސް އާއި ކްރީތީ އަންނަ ހަފުތާގައި އެންގޭޖްވަނީތަ؟

ކްރީތީ ސެނޯން އާއި ޕްރަބާސް އަންނަ ހަފުތާގައި އެންގޭޖްވާން ތައްޔާރުވަމުންދާ ކަމަށާއި އެމީހުންގެ އެންގޭޖްމަންޓް އޮތީ ދިވެހިރާއްޖޭގެ ރިސޯޓެއްގައި ކަމަށް ބުނެ އިންޑިއާގެ މީޑީއާތަކުން އިއްޔެ ފެތުރި ޚަބަރެއް ޕްރަބާސްގެ ޓީމުން ދޮގުކޮށްފި އެވެ.

އަދި އިންސްޓަގްރާމްގައި ކްރީތީ ޝެއާ ކުރި ޕޯސްޓެއްގައި ވެސް މިއީ ދޮގު ވާހަކަތަކެއް ކަން ދޭހަވާ މޭރުމަކުން ލިޔެފައި ވެއެވެ.

ކްރީތީ އާއި ޕްރަބާސްގެ އެންގޭޖްމަންޓްގެ ވާހަކަ ކުއްލިއަކަށް މާބާރަށް ދެކެވެން ފެށީ ފިލްމް ކްރިޓިކްއެއް ކަމަށް ބުނާ އުމައިރު ސަންދޫ ކިޔާ މީހަކު ބްރޭކިން ނިއުސްއެއްގެ ގޮތުގައި މި ވާހަކަ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުމުންނެވެ.

"ބްރޭކިން ނިއުސް. ކްރީތީ ސެނޯން އާއި ޕްރަބާސް އަންނަ ހަފުތާގައި ދިވެހިރާއްޖޭގައި އެންގޭޖްވަނީ. އެ ދެ މީހުންނަށްޓަކައި ވަރަށް އުފާކުރަން،" ސަންދޫގެ މެސެޖުގައި ވެއެވެ.

ކްރީތީ އާއި ޕްރަބާސް އެކުގައި ކުޅޭ "އަޅިޕުރޫޝް"ގެ ފުރަތަމަ އިޝްތިހާރު ރިލީޒްކުރުމާ ގުޅިގެން ވެސް މި ދެ ތަރިންގެ ލޯބީގެ ވާހަކަތައް ދެކެވިފައި ވެއެވެ.

މި ޚަބަރު ދޮގުކުރަމުން އީޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ޕްރަބާސްގެ ޓީމުން ބުނެފައިވަނީ ޕްރަބާސް އާއި ކްރީތީ އަކީ ހަމައެކަނި ދެ އެކުވެރިން ކަމަށާއި އެމީހުން އެންގޭޖްވާން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.