އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ސެމީ ފައިނަލު މެޗުގައި ކ. ގުރައިދޫ ސްކޫލާއި ކަލާފާނު ސްކޫލް ބައްދަލުކުރި މެޗަށްފަހު ހިނގި ހަމަނުޖެހުމާއި ގުޅޭ ގޮތުން ހަގީގަތާއި ހިލާފު ހަބަރު ފަތުރަމުންދާ ފަރާތްތަކާއި އެ ޓީމުގެ ކުދިންނަށް ފުރައްސާރަކުރަމުން އަންނަ މީހުންނާއި މެދު ފިޔަވަޅު އަޅަން ގުރައިދޫ ސުކޫލުން ގޮވާލައިފި އެވެ.
ހަމަނުޖެހުމުގެ ސަބަބުން ގުރައިދޫ ސްކޫލްގެ މުޅި ޓީމު އެއް އަހަރަށް ފުޓްބޯޅައިން ސަސްޕެންޑް ކުރުމަށް އެފްއޭއެމުން ނިންމާފައި ވަނިކޮށް އެ ސުކޫލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މެޗްގެ ކަންކަން ހިނގާދިޔަ ގޮތް އޮޅޭގޮތަށް ބައެއް މީޑިއާތަކުގައި ދެކެވޭ ތަފާތު ވާހަކަތަކާއި ހިނގާދިޔަ އެއްވެސް ހަމަނުޖެހުމެއްގައި ބައިވެރިނުވާ ދަރިވަރުންނާއި އޮފިޝަލުންގެ ފޮޓޯއާއި ނަން ބޭނުންކޮށްގެން ފަތުރަމުންދާ ހަނގީގަތެއްނެތް ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން އެ ކުދިންނަށް ނަފްސާނީގޮތުން ތަފާތު އެކި ގެއްލުންތައް ކުރިމަތިވަމުން އަންނަ ކަމަށާއި އެކި ފަރާތްތަކުން އެކުދިންނަށް ގުޅާ ދިމާކުރާކުރުމާއި ކުދިންނަށް ތަފާތު ގޮތްގޮތަށް ރައްދުވަމުންދާ ފުރައްސާރައިގެ ބަސްތައް ވަގުތުން ހުއްޓާލުމަށްވެސް ބަޔާނުގައި ވަނީ އެދިފަ އެވެ.
މީގެ އިތުރުން ކަމުގެ ހަގީގަތް އޮޅޭގޮތަށް ހަބަރު ފަތުރަމުންދާ ނޫސްތަކާއި ކުދިންނަށް ފުރައްސާރަކުރާ އެންމެހާ ފަރާތްތަކަށް ކަމާ ބެހޭ އިދާރާތަކުން ފިޔަވަޅު އެޅުމަށްވެސް އެ ސުކޫލުން ވަނީ ގޮވާލާފަ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ މެޗު ނިމުމަށްފަހު ސަޕޯޓަރުން ހިންގާފައިވާ ކުޅިވަރުގެ ރޫހާއި ހިލާފު ކަންކަމަކީ ގުރައިދޫ ސްކޫލުން އެއްވެސް ވަރަކަށް ތަރުހީބުދޭ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި އެ ސްކޫލުގެ މާހައުލަކީ ދަރިވަރުން ނޭދޭވޭ އަމަލުތައް ކުރުމަށް އެއްވެސް ވަރަކަށް ބާރުއަޅާ، އެކަންކަން ކުރުމަށް ދަސްކޮށްދޭ ހިޔާވައްސެއް ނޫންކަމަށް ވެސް ބުނެފައިވެ އެވެ.
ގުރައިދޫ ސުކޫލާއި ކަލާފާނު ސުކޫލު ބައްދަލުކުރި މެޗުގެ ރެފްރީގެ ނިންމުންތަކާއި މެދު ހިތްހަމަނުޖެހި، މެޗު ނިމުމާއިއެކު އެ ސްކޫލުގެ ކުޅުންތެރިންނާއި ޓީމު އޮފިޝަލުން އަދި ބެލެނިވެރިން ވަނީ ރެފްރީއަށް ހަމަލާދީ މާރާމާރީ ހިންގާފަ އެވެ.
މި މައްސަލައާއި ގުޅިގެން އެފްއޭއެމުން ގުރައިދޫ ސްކޫލްގެ މުޅި ޓީމު އެއް އަހަރަށް ފުޓްބޯޅައިން ސަސްޕެންޑް ކޮށްފައިވާއިރު، އެ ޓީމުގެ ވަކިވަކި ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންނަށް ވެސް އެފްއޭއެމް އިން ވަނީ ފިޔަވަޅު އަޅާފަ އެވެ.