ފިނިޕޭޖް

"ފްރެންޑްސް" ގެ ރޮސް ކައްކާ ޝޯއެއްގައި ވާދަކުރަނީ

"ފްރެންޑްސް" ސީރީޒްގައި ރޮސް ގެލާގެ ރޯލް އަދާކުރި ޑޭވިޑް ޝްވިމާ ކައްކާ ޝޯއެއްގައި ވާދަކުރަނީ އެވެ.

މިގޮތުން 56 އަހަރުގެ ޑޭވިޑް ބައިވެރިވެފައިވަނީ "ސްޓޭންޑް އަޕް ޓު ކެންސާ" އަށް އެހީވާ "ދަ ގްރޭޓް ބްރިޓިޝް ބޭކިން ޝޯ"ގެ ސެލެބްރިޓީ ސްޕެޝަލް ޝޯގަ އެވެ.

މި ޝޯގައި ޖުމްލަކޮށް 20 ސެލެބްރިޓީން ބައިވެރިވާނެ އެވެ. މީގެތެރޭގައި އޮލިމްޕިކް ޑައިވާ ޓޮމް ޑޭލީ، ކުރީގެ ލިޓްލް މިކްސްގެ ލަވަކިޔުންތެރިޔާ ޖެސީ ނެލްސަން، އެކްޓަރުން ޓޮމް ޑޭވިސް އާއި ޓިމް ކީ، ކޮމެޑިއަނުން ކަމަށްވާ ޖޫޑީ ލަވް އާއި ރޯޒް މަޓަފޭއޯ އާއި އެލީ ޓޭލާ އަދި ބްރިޖެޓް ޖޯންސް ފިލްމުގެ އެކްޓްރެސްއެއް ކަމުގައިވާ ޖެސިކާ ހައިންސް ހިމެނެ އެވެ.

"ދަ ގްރޭޓް ބްރިޓިޝް ބޭކިން ޝޯ"ގެ ޓްވިޓާ އެކައުންޓުން ޕޯސްޓްކުރި ވީޑިއޯއެއްގައި ހުރިހާ ސެލެބްރިޓީންގެ ފޮޓޯއާއި ނަންތައް ހިއްސާކޮށްފައިވެ އެވެ.

ކޮމެޑިއަން ނޮއެލް ފީލްޑިން ހޯސްޓްކުރާ މި ޝޯ ޖަޖްކުރާނީ ޕޯލް ހޮލީވުޑް އާއި ޕްރޫ ލީތް އެވެ.

މި ޝޯއަކީ އޮގަސްޓް 17، 2010 އިން ފެށިގެން ބީބީސީ އިން ދައްކަމުންދާ ކާމިޔާބު ޝޯއެކެވެ.