ފިނިޕޭޖް

"ވިލް ޓްރެންޓް"ގެ މަގްބޫލުކަން އިތުރުވަނީ

އިންވެސްޓިގޭޓިވް ކްރައިމް ޝޯތަކަކީ ބައެއް ބެލުންތެރިންނަށް ވަރަށް މަގުބޫލު ޖޮންރާ އެކެވެ.

މިފަދަ ޝޯތަކުގައި ކޭސްއެއް ކުރިއަށްދާއިރު، އޭގެ ހަގީގަތް ނޫނީ ކުށްވެރިޔާ ހޯދުމަށް މަސައްކަތް ކުރަމުންދާ ގޮތްތައް ބަލައި، ގެސް ކުރުމަކީ މިފަދަ ބެލުންތެރިން ކުރާހިތްވާ ކަމެކެވެ.

މިގޮތުން 1990 އާއި 2010އާ ދެމެދުގެ އަހަރުތަކަކީ "ލޯ އެންޑް އޯޑާ"، "ސީއެސްއައި"، "ބޯންސް"، "ކާސަލް"، "ރިޒޯލީ އެންޑް އައިލްސް"، "ސައިކް" އަދި "މޮންކް" ފަދަ ގިނަ އަދަދެއްގެ ޕޮލިސް ޕްރޮސީޖުރަލް / ކްރައިމް ޑްރާމާ ނެރުނު މުއްދަތެކެވެ.

މީގެ ތެރެއިން "ލޯ އެންޑް އޯޑާ" ފިޔަވައި އެހެން ސީރީޒްތައް ވަނީ ނިންމާލާފަ އެވެ. މިހާރަކަށް އައިސް ނެރޭ ކްރައިމް ސީރީޒްތައް މުޅިން ތަފާތެވެ.

އެކަމަކު މީގެ ކުރިން ނެރޭފަދަ ޕޮލިސް ޕްރޮސީޖުރަލް ކްރައިމް ޑްރާމާގެ ފޭނުންނަށް އޭބީސީ އިން މިދިޔަ މަހުގެ ތިންވަނަ ދުވަހު ރިލީޒްކުރި އާ ސީރީޒް، "ވިލް ޓްރެންޓް" ކަމުދާނެ އެވެ.

ކެރިން ސްލޯޓާގެ ވިލް ޓްރެންޓް ފޮތް ސީރީޒަށް ބިނާކޮށްފައިވާ މި ޓީވީ ސީރީޒަކީ މަގުބޫލުކަން އިތުރުވަމުން އަންނަ ސީރީޒެކެވެ.

މި ޝޯގައި ލީޑް ރޯލް އަދާކުރަނީ 43 އަހަރުގެ ރެމޯން ރޮޑްރިގޭޒް އެވެ. މީގެ އިތުރުން އޭރިކާ ކްރިސްޓެންސަން، އިޔަންތާ ރިޗާޑްސަން، ޖޭކް މެކްލޯފްލިން، އަދި ސޯންޔާ ސޯން މި ސީރީޒްގައި ހިމެނެ އެވެ.

މި ޝޯގެ ޕްލޮޓަށް ބަލާއިރު، ކުޑައިރު މައިންބަފައިން ދޫކޮށްލުމުން ވިލް ޓްރެންޓް އުޅެ ބޮޑުވީ އެޓްލާންޓާގެ ފޯސްޓާ ކެއާ ސިސްޓަމްގެ ތެރޭގަ އެވެ. އެތަނުގައި ވިލް ތަޖުރިބާ ކުރި ތަފާތުކުރުމުގެ އަމަލުތަކަކީ އޭނާއަށް އުމުރު ދުވަހަށް އަސަރުކުރާނެ ކަންތައްތަކެވެ.

ޑިސްލެކްސިއާ ހުރި ނަމަވެސް ވިލް ވަނީ ބޮޑުވެގެން ޖޯޖިއާ ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (ޖީބީއައި)ގެ އެންމެ ގިނަ ކޭސްތައް ކްލިއާ ކުރާ އޭޖަންޓަށް ވެފަ އެވެ. މިކަމުގެ ސަބަބުންނާއި ޕޮލިސް ކޮރަޕްޝަން ކޭސްއެއް އިންވެސްޓިގޭޓްކުރުމުގެ ސަބަބުން ވިލްއަށް ވަނީ ކޮލީގުންގެ އާއި ޕޮލިހުންގެ ގިނަ މީހުންގެ ނަފްރަތު ލިބިފަ އެވެ.

މި ޝޯގެ ފަސް އެޕިސޯޑް މިހާރު ދައްކާފައިވާއިރު މި ޝޯގައި އެކުލެވިގެންވަނީ މުޅިއަކު ކިތައް އެޕިސޯޑްތޯ އަދި ހާމަކޮށްފައެއް ނުވެ އެވެ.