މޯލްޑިވިއަން އައިޑޮލް ފެންވަރުގެ ޝޯއެއްގައި އޮންނަ ޖަޖުންގެ ޓީމަކަށް ފާޑުކިޔުން އަމާޒުވުމާއި އެ ޕެނަލެއްގައި ތިބޭ ބަޔަކު ދެކެ ދެން ތިބޭ ބަޔަކު ރުޅިއަރައިގަނެގެން ވާހަކަ ދައްކައި ޓްވީޓްކޮށް ހެދުމަކީ ނުވެ ނުދާނެ ކަމެކެވެ. އެމެރިކާ އައިޑޮލްގެ ފްރެންޗައިޒް ޝޯއެއްގެ ގޮތުގައި ޕީއެސްއެމް އިން ޓީވީއެމް އަށް މޯލްޑިވިއަން އައިޑޮލް ގެނެސް އޭގެ ޝޯތައް ދައްކަން ފެށުމާ އެކު ޝޯ އަށް އޮހުނު ތައުރީފާ އެކު އެއް ބައެއްގެ ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ.
ވަކިން ހާއްސަކޮށް ޝޯގެ ތިން ޖަޖުގެ ގޮތުގައި އެތިބަ މަޝްހޫރު ތިން ލަވަކިޔުންތެރިން ކަމުގައިވާ އަހުމަދު އިބްރާހިމް އައްމަޑޭ އާއި އިބްރާހިމް ކުޑައިއްބެ އަލީ އާއި މަަރިޔަމް ކިޑީ އުނޫޝާ އަށް ސޯޝަލް މީޑިއާގައި ދިވެހިންގެ ބަޔަކު ގާއުކިކަން ފާހަގަކޮށްލެވެ އެވެ. އެކަމަކު ވަރަށް ގިނަ ބަޔަކު ބުނަމުން ދަނީ މަދު ބައެއްގެ ފާޑުކިޔުން ޝޯގެ ޖަޖުންނަށް އަމާޒުވިޔަސް އެ ފާޑުކިޔުމަކީ ހައްގު ފާޑުކިޔުމެއް ނޫން ކަމަށެވެ.
ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ.
މޯލްޑިވިއަން އައިޑޮލްގެ ޕްރޮޑަކްޝަން ޓީމުން ބުނެފައި ވަނީ މި ފެންވަރުގެ ތަފާތު ޝޯއެއް ދިވެހިންގެ ތެރެއަށް އަލަށް ތައާރަފްކުރުމަކީ ޝޯއާ ބައެއް ބެލުންތެރިން ބީރައްޓެހިވެ އެންމެ އެދެވޭ ޓޯނެއް ނޫން ގޮތަކަށް ޝޯއަށް ހަމަލާ ދިނުމަށް މެދުވެރިވެފައިވާ ސަބަބެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ޝޯގެ އޮނިގަނޑު ރޭވިގެން ކުރިއަށް ދާ ގޮތާއި މި ޝޯގެ އިންޖީނު އެނބުރޭ ގޮތް އާންމުންނަށް ނޭނގުމަކީ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ބައެއް މީހުން ޝޯ އަށް ހަމަލާދެމުންދާ ސަބަބެއް ކަމަށް ވެސް ވެދާނެ ކަމަށެވެ.
"މިސާލަކަށް ފާޑުކިޔާ މީހުން މި ބުނަނީ ޝޯ އަށް ނަގާފައި މި ވަނީ އެންމެ ރަނގަޅު ޖަޖުންނެއް ނޫނޭ. އެކަމަކު މިއީ ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިން ޖަޖުންގެ ގޮތުގައި އޮޑިޝަނެއް ހެދުމަށް ފަހު މި ފްރެންޗައިޒް ޝޯގެ މައި ކުންފުނި ކަމުގައިވާ ޔޫކޭގެ ފްރެމެންޓަލް މީޑިއާ އަށް ވީޑިއޯ އާއި ސީވީ ވެސް ފޮނުވައިގެން އޭގެ ތެރެއިން އެމީހުން ހޮވާފައިވާ ތިން ޖަޖުން،" މޯލްޑިވިއަން އައިޑޮލް އަށް އުނޫޝާ އާއި ކުޑައިއްބެ އަދި އައްމަޑޭ ހޮވުނު ގޮތް އޮޅުން ފިލުވައިދެމުން ޝޯގެ އެއް ޑައިރެކްޓަރު ކަމުގައިވާ މުޖުތަބާ ރަޝީދު ވިދާޅުވި އެވެ.
"ޝޯގެ ޕްރެޒެންޓަރުން ވެސް ނަގާފައި ވަނީ މަޝްހޫރު ޕްރިޒެންޓަރުންގެ އޮޑިޝަނެއް ބާއްވައިގެން އެކޮޅުން."
"ޖަޖުންނާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް މީގައި ކިޔޭނެ އެއްޗެއް ނެތް. ދިއްކުރެވޭނެ އިނގިއްޔެއް ނެތް. ސަބަބަކީ ޖަޖުން ހޮވީ ޕީއެސްއެމްއަކުން ނޫން. އެއީ ފްރިމެންޓަލް މީޑިއާ އިން. ޕީއެސްއެމްގެ އެއްވެސް އަތެއް މިއަކު ނެތް."
މުޖުތަބާ ވިދާޅުވީ މޯލްޑިވިއަން އައިޑޮލް އަކީ އެމެރިކަން އައިޑޮލްގެ ފްރެންޗައިޒް ޝޯއަކަށްވާއިރު މި ޝޯ ކުރިއަށް ދަނީ ރާއްޖޭގައޭ ކިޔާފައި ހިތުހުރި ގޮތެއް ޝޯއަށް ހެދުމުގެ އިހުތިޔާރެއް ނުލިބޭ ކަމަށެވެ. ޝޯގައި ޖަޖުންގެ އަމަލުތައް ގެންގުޅޭ ގޮތާ ގުޅިގެންނާއި ބައެއް ގޯލްޑެން ޓިކެޓް ވިނާސްތަކުގެ ލަވަކިޔުމުގެ ހުނަރު އެޕިސޯޑްތަކުގައި ނުދައްކާ މައްސަލަ އަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ވެސް ޑައިރެކްޓަރު ޖަވާބު ދެއްވި އެވެ.
"މިއީ އެމީހުންގެ ބްރޭންޑެއް. އެހެންވީމަ އޮޑިޝަނުގައި ބައިވެރިވާ ކުއްޖާގެ ދައްކާ ވީޑިއޯގެ ދިގުމިނާއި ޝޯގައި ޖަޖުންގެ ބައި ދައްކަން ޖެހޭ މިންވަރު އަދި އެމީހުން ދައްކަން ޖެހޭ ވާހަކަތައް ނިންމާނީ ފްރިމެންޓަލް މީޑިއާ އިން. އެމީހުން ބުނާ ވަރަކަށް ޝޯގައި އެއްޗެހި ދެއްކޭނީ އެއްޗެހި ހިމެނޭނީ،" މުޖުތަބާ ވިދާޅުވި އެވެ.
"ފާޑުކިޔުން އަމާޒުވާ އެއް ސަބަބަކީ ރާއްޖޭގެ ޓީވީގެ ރަހަތަކާ މުޅިން ތަފާތު ޝޯއެއް އައީމަ އެ ތަފާތު ބަލައިގަތުމަށް ބައެއް މީހުންނަށް އުނދަގޫވަނީ. އަނެއް ކަމަކީ ކޮންމެ ކޮންމެ މީހަކު ބޭނުންވާ ގޮތަކަށް މި ޝޯއެއް ނުއެއް ހެދޭނެ. ފްރިމެންޓަލް މީޑިއާ އިން ބޭނުންނުވާ ފަދަ ގޮތަކަށް މި ޝޯއެއް އަޅުގަނޑުމެންނަކަށް ވެސް ނުދެއްކޭނެ. އެއީ ޝޯއާމެދު ކިތަންމެ ގިނަ ބަޔަކު ހިތްހަމަޖެހުނަސް އަދި ނުޖެހުނަސް."
އޭނާ ވިދާޅުވީ ޝޯގެ ބައެއް ކަންކަމަށް މަދުބައެއްގެ ފާޑުކިޔުން އަމާޒުވެފައިވިޔަސް އާންމުކޮށް ލިބޭ ތަރުހީބު އާދަޔާހިލާފަށް ބޮޑު ކަމަށެވެ.
"ޖަޖުން ވަރަށް ރަނގަޅު ކަމަށް ބުނާ މީހުން ވެސް ވަރަށް ގިނަ. ވަކިން ހާއްސަކޮށް ގުޅާފައި ޝޯއާ މެދު ކޮމެންޓް ދޭ މީހުން ބުނަނީ ޖަޖުންގެ ފެންވަރު އަދި ޕާފޯމެންސް ވަރަށް ރަނގަޅު ކަމަށް."
މި ޝޯއެއް ބަލަމުންދާއިރު ވަގުތު ދާ ގޮތެއް ވެސް ނޭނގޭ!
މިއީ ކާކުގެ ކޮމެންޓެއްކަން އެނގޭ ހެއްޔެވެ؟ މިއީ ޓީވީއެމްގެ ކުރީގެ ކެމެރާމަން އަދި އެފަދަ ދެ ވަނައެއް ނެތް ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ ކޮމެންޓެކެވެ.
މި ވަގުތު ލޯކަލް ޗެނަލްތަކުގެ ޝޯތަކަށް ބަލާއިރު ބިންމާގެ ފެވަރިޓަކީ މިއީ އެވެ. ހަގީގަތަކީ ބިންމާ އަކީ އެއްގޮތަކަށް ވެސް މީގެ ކުރިން މިފަދަ ދިވެހި ޓީވީ ޝޯތައް ބަލައި އުޅުނު މީހެއް ނޫން ކަމެވެ. ނަމަވެސް މޯލްޑިވިއަން އައިޑޮލް ތައާރަފްކުރި ހިސާބުން ފެށިގެން ބިންމާ ގެންދަނީ އޭނާގެ ބިޒީ ތާވަލުން މި ޝޯއަށް ވަގުތު ވެސް ހޯދަމުންނެވެ.
"މީގެ ކުރިން ނުދެގެން މި ފެންވަރުގެ ދިވެހި ޝޯއެއް ނުދެގެން ކުރިން. ޔޫޓިއުބުން ފުރަތަމަ އެޕިސޯޑް ބަލައި ނިންމާލިއިރު ގަޑިންވީ ވަރެއް ވެސް ނޭނގުނު. އެއީ ފޫހިކަމެއް ވެރިނުވެ އޭތި ކުރިއަށް ދިޔަ ގޮތަކުން. ހިންދީ ފިލްމެއްވެސް އެގޮތަކަށް ބަލައެއް ނުލެވޭ،" ބިންމާ ބުންޏެވެ.
ޝޯއާ މެދު ނިކަން ބޮޑަށް ހިތްހަމަޖެހިފައި ހުރި ބިންމާ ބުނީ ފާޑުކިޔުން ވެސް އަމާޒުވާނެ ކަމަށާއި ވަކިން ހާއްސަކޮށް ގާތް މީހަކު ޝޯއަކުން ކަޓައިގެންދާއިރު ފާޑުކިޔުން ޝޯއަށް އަމާޒުވެދާނެ ކަމަށެވެ.
"މީހުންގެ ނެގެޓިވް ކޮމެންޓް ވެސް އަންނާޏެ. ގާތް މީހަކު ކަޓައިގެންދާއިރު ފާޑުކިޔުން އަމާޒުކުރާނެ ޝޯއަށް،" ބިންމާ ބުންޏެވެ.
އެކަމަކު އޭނާ ބުނީ ފާޑުކިޔުންތަކެއް އަމާޒުވިޔަސް ޝޯގެ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅު ކަމަށެވެ.
"ތިން މީހުންގެ ވެސް ކޮމެންޓްކުރުން ވަރަށް ރަނގަޅު. ތިން މީހުން އެއީ ތިން ކެރެކްޓާއެއް. އެކަކު ސީރިއަސް. އެކަކު މެދު މިން. އަނެކަކު އާދައިގެ ގޮތަކަށް ކޮމެންޓްކޮށްލަނީ. އެ ތިން ރަހަ އޭގައި ހިމެނޭތީ ވަރަށް ކަމުދޭ،" ބިންމާ ބުންޏެވެ.
"މިސާލަކަށް އަދި ތައްޔާރެއް ނުވެއޭ ބުނާއިރު ވެސް އަދި ފަހުން ރަނގަޅުވާނެއޭ ބުނެލާ އެމީހުން. ފަހުން ފުރުސަތު ލިބޭނެ ވާހަކަ ބުނޭ. ހިތްމަރައެއް ނުލާ. މާޔޫސްކޮށެއް ނުލާ."
"ދެން ފާހަގަކޮށްލެވޭ ޖެހިލުން ކުޑަކަމާ އެކު ކޮންމެ މީހަކަށް ވެސް ތެދުތެދަށް ބުނާކަން. ކަން އޮންނަ ގޮތުގެ ވާހަކަ އެ މީހުން ކިޔައިދޭކަން ފާހަގަކޮށްލެވޭ."
ޖަޖުންގެ ޓޭބަލްގައި އެތިބީ މިއުޒިކްގެ އެންމެ ވަރުގަދަ ތިން މީހުން
މިހެން ބުނީ ބޮޑެތި މިއުޒިކް ޝޯތަކާއި އާދަޔާހިލާފަށް ހިތްގައިމު އެވޯޑް އިވެންޓްތައް ރާއްޖޭގައި އިންތިޒާމުކުރަމުންއަންނަ މަޝްހޫރު ޗޮޕާޓްގެ ޑިރެކްޓަރު މިހުސޯ އަބްދުއް ސައްތާރު އެވެ. އޭނާ ވެސް ބުނީ އާންމުންގެ ފާޑުކިޔުން އަމާޒުވާނެ ކަމަށާއި ފާޑުކިޔުމަކީ ދިވެހިންގެ ގޮތް ކަމަށެވެ.
"ޖަޖުންނާ ދޭތެރޭ އެ ޓޭބަލްގައި އެ ތިބީ މިއުޒިކްގެ ގޮތުން އެންމެ ވަރުގަދަ އެންމެ ތިން މީހުން. ވަކިން ހާއްސަކޮށް ކިޑީ އާއި ކުޑައިއްބެ ފާހަގަކޮށްލަން ބޭނުންވޭ،" މިހުސޯ ބުންޏެވެ.
"ކުޑަ އިއްބެ އަށް އެނގޭނެ މިއުޒިކް އަދި ލަވަކިޔުމުގެ ހުރިހާ ކަމެއް ވެސް. ލަވައެއް އަޑުއަހާލާއިރަށް އިއްބެ އަށް އެނގޭނެ އެ ކުއްޖަކަށް ލަވަކިޔޭނެ ރޭންޖާއި ގުޅޭނެ ސްޓައިލް އަދި އެ ކުއްޖާ އަށް ކިޔޭނެ ނޯޓްތައް ވެސް. އިއްބެއާ އެކު ގާތުން މަސައްކަތްކޮށްފައި ހުރީމަ އިއްބެގެ އެ ހުނަރުވެރިކަން އެނގެނީ."
"ކިޑީއާ އެއް ފެންވަރުގެ އެހެން ލަވަކިޔުންތެރިއެއް ވެސް ނެތޭ ވެސް ބުނެވިދާނެ."
މިމޭރުމުން ވާހަކަ ދައްކަމުން މިހުސޯ ވެސް ބުނީ ބަޔަކު މީހުންގެ ފާޑުކިޔުން ޖަޖުންގެ ކޮމެންޓްތަކަށް އަމާޒުވެފައި ވަނީ ޝޯގެ ކޮންސެޓް އާވެފައި އެއަށް ހޭނެން އަދި ވަގުތު ބޭނުންވާނެތީ ކަމަށެވެ.
"މި ތަނުގައި ދޭން ޖެހޭނީ ވަރަށް ކުދި ޑޯޒްއިން ފާޑުކިޔާއިރު. އައްމަޑޭ ބުނާ އެއްޗެހި ވެސް ގޯހެއް ވެސް ނޫނޭ. ރާއްޖޭގައި ވާ ގޮތަކީ ބަޔަކު ކަމެއް ކުރިއަސް އެއްޗެއް ބުންޏަސް ދިވެހިން ސޯޝަލް މީޑިއާގައި ފާޑުކިޔާނެ."
"މިހެން ޖޯކުޖަހާ ނަމަ އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭނެ ނޫންތޯ. ކަމުދިޔަޔަސް ޖޯކުޖަހަން ބޭނުންވާ މީހުން ތިބެނީ ދިވެހިންގެ ތެރޭގައި. ބިނާކުރަނިވި ފާޑުކިޔުންތަކެއް ހުންނަނީކީއެއް ވެސް ނޫން އަދި. ދިވެހިން ވިސްނަންވީ މިފަދަ މަސައްކަތްތައް ސީރިއަސްކޮށް ނަގައި އަގުވަޒަންކުރަން ދަސްކުރަން. ދިވެހިންގެ ވިސްނުން އެބަޖެހޭ ބަދލަުކުރަން މިފަދަ ޝޯއެއް ބަލައިގަތުމަށް."