ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް

ތިލަފުށި ކޯޕަރޭޝަނުން އެމްއެންޑީއެފަށް ފަޔާ ލޮރީއެއްދީފި

ތިލަފުށި ކޯޕަރޭޝަނުން އެމްއެންޑީއެފަށް ފަޔާ ލޮރީއެއް ހަދިޔާ ކޮށްފި އެވެ.

ތިލަފުށި ކޯޕަރޭޝަންގެ ފަރާތުން މި ފަޔާ ލޮރޯ މިއަދު އެމްއެންޑީއެފާއި ހަވާލުކޮށްދެއްވީ ތިލަފުށި ކޯޕަރޭޝަންގެ މެނޭޖަރު މުހައްމަދު ނާސިފެވެ. އެމްއެންޑީއެފްގެފަރާތުން ލޮރީއާ ހަވާލުވެވަޑައިގެންނެވީ ކާނަލް މުހައްމަދު މުހުތާރެވެ.

ނާސިފް ވިދާޅުވީ މިފަދަ ލޮރީ އަކީ ތިލަފުށީ ފަދަ ރަށެއްގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވާން މުހިއްމު ލޮރީ އެއް ކަމަށެވެ. ކާނަލް މުހުތާރު ވިދާޅުވީ މިއީ މަސައްކަތަށް އިތުރު ހަލުވި ކަމެއް ގެނެސްދޭނެ ލޮރީ އެއް ކަމަށާއި މި ލޮރީއަށް ބޭނުންވާ މެޝިންތައް އިންސްޓޯލް ކުރެއްވުމުން މީގެ އަގު މިލިއަނަކަށް އަރާނެ ކަމަށެވެ.

މިއަދު ހަވީރު ފަޔާ ވެހިކަލް ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ވަނީ ލޮރީ ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ ހުނަރުތުތަކެއް ދަައްކާލާފައެވެ. މިއަދު ހަދިޔާކުރި ފަޔާ ލޮރީ ބޭނުންކުރާނީ ތިލަފުށީގެ އޮޕަރޭޝަންތަކުގައެވެ.

ނާސިފު ވިދާޅުވީ ތިލަފުށީގެ މަގުތަކަށް ހައްލެއް ގެންނަން ބޭނުންވާ ކަމަށާއި މަގުތައް އެއްވަރުކޮށް މެނޭޖް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ތިލަފުއްޓަކީ މިހާރު ސިނާއީ އެތައް މަސައްކަތްތަކެއް ކުރާ ރަށަކަށް ވުމުން ރަށުގެ މަގުތަކަކީ ބޭނުންކުރަން ފަސޭހަ މަގުތަކަކަށް ހަދަން ޖެހޭ ކަމަށާއި މިހާރު ވެސް ތިލަފުށީގެ މަގުތަކަށް ވަރަށް ބޮޑެތި ކުރި އެރުންތައް ގެނެސްފައިވާނެ ކަމަށެވެ.

"ތިލަފުއްޓަކީ ސިނާއީ އެތައް މަސައްކަތްތަކެއް ކުރާ ރަށަކަށް ވާތީ އެތައް މުވައްޒަފުންނެއް އެބައުޅޭ. އެމީހުންނަށް އެންމެ ފުރިހަމަ ރައްކާތެރިކަމެއް ފޯރުކޮށްދޭން ފުލުހުންގެ މަރުކަޒެއްވެސް މިހާރު ވާނީ ގާއިމް ކުރެވިފައި. އަދި ކުރިއަށް މިއޮތް ހަމަސް ދުވަހުގެ ތެރޭގައި ފަސްޓްއެއިޑް ހިދުމަތް ދެވޭ ފެންވަރުގެ ކްލިނިކެއް ހުޅުވާނަން" ނާސިފް ވިދާޅުވި އެވެ.

ތިލަފުށީގައި އެއްގަމު ޓްރާންސްޕޯޓް ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތެއް ވެސް ކުރާ ކަމަށް އިޝާރަތް ކުރައްވާ ނާސިފް ވިދާޅުވީ މަގުތައް ހަދާއިރު ވަރަށް އަވަހަށް ތިލފުއްޓާއި އަލަށް ގުޅައިލި ސަރަހައްދަށް ދާނެ މަގުވެސް ފެންނާނެ ކަމަށެވެ.