ފިނިޕޭޖް

ސިލްވެސްޓާ ސްޓެލޯންގެ ރިއަލިޓީ ޝޯ ފަށަން ތައްޔާރުވަނީ

ޕެރެމައުންޓް ޕްލަސް އިން ސިލްވެސްޓާ ސްޓެލޯންއަށް "ދަ ފެމިލީ ސްޓެލޯން"ގެ ނަމުގައި ރިއަލިޓީ ސީރީޒްއެއް ހަދަނީ އެވެ.

މި ޝޯގައި ސްޓެލޯންގެ އިތުރުން އޭނާގެ އަންހެނުން ޖެނިފާ ފްލޭވިން އާއި ތިން އަންހެން ދަރިން 26 އަހަރުގެ ސޯފިއާ، 24 އަހަރުގެ ސިސްޓިން އަދި 20 އަހަރުގެ ސްކާލެޓް ބައިވެރިވާނެ އެވެ.

އަށް އެޕިސޯޑްގެ މައްޗަށް އެކުލެވޭ ސީރީޒްގައި ސްޓެލޯން އާއި އާއިލާގެ ހަޔާތުގެ އެކި ކަންތައްތައް ގެނެސްދޭނެ އެވެ.

މި ޝޯގެ އިޝްތިހާރެއްގެ ގޮތުން ސުޕާ ބޯލް ސްޕޮޓެއްވެސް ވަނީ ރިލީޒްކޮށްފަ އެވެ.

ޖެނިފާ އާއި ސްޓެލޯން ކައިވެނި ކުރީ 1997 ގައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ޖެނިފާ ވަރިވާން އެދުނެވެ. އަދި މީޑިއާގައި ވާހަކަތައް ދައުރުވުމަށްފަހު ސެޕްޓެމްބަރު މަހު ވަނީ ވަރިނުވާން ނިންމާފަ އެވެ.

"ދަ ފެމިލީ ސްޓެލޯން" ރިލީޒްކުރާނީ މިއަހުރުގެ އޭޕްރީލް-ޖޫން ހިސާބުގަ އެވެ.

ސްޓެލޯން އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ ޕެރެމައުންޓް ޕްލަސްގެ ކްރައިމް ޑްރާމާ ސީރީޒް "ޓަލްސާ ކިން" ގައެވެ. ސްކާލެޓް ވެސް މި ޝޯގައި ރިކަރިން ރޯލެއްގައި ހިމެނެ އެވެ.