ފިނިޕޭޖް

ޑިޒްނީއިން "ފްރޯޒަން 3" އިއުލާންކޮށްފި

ޑިޒްނީ ސްޓޫޑިއޯއިން ޕިކްސާއާ އެކު "ޕްރޯޒަން 2" ނެރުނުތާ ހަތަރު އަހަރު ފަހުން "ފްރޯޒަން 3" ނެރޭނެ ކަމަށް އިއުލާންކޮށްފި އެވެ. "ފްރޯޒަން"ގެ ސިކުއެލްއަކަށް ފޭނުން ވަނީ ކެތްމަދުވެފަ އެވެ.

މި ހަބަރު އިއުލާންކުރީ ޑިޒްނީގެ ސީއީއޯ ބޮބް އައިގާ އެވެ. އަދި "ފްރޯޒަން 3"އާ ބެހޭގޮތުން އިތުރު މައުލޫމާތު ކައިރި މުސްތަގްބަލެއްގައި ހިއްސާކުރާނެ ކަމަށް ބޮބް އައިގާ ބުންޏެވެ.

މީގެ ދިހަ އަހަރު ކުރިން 2013 ވަނަ އަހަރު ނެރުނު "ފްރޯޒަން" އަކީ އެއްބަނޑު އެއްބަފާ ދެބެން ކަމުގައިވާ ޕްރިންސަސް އެލްސާ އާއި ޕްރިންސަސް އާނާގެ ވާހަކަ އެވެ.

މި ފިލްމު ވަނީ ބޮކްސް އޮފީހުގައި 1.280 ބިލިއަން ޑޮލަރު ހޯދައި، މިހާތަނަށް 2014 ވަނަ އަހަރު އެކަޑަމީ އެވޯޑްސްގެ "ބެސްޓް އެނިމޭޓަޑް ފީޗާ ފިލްމް" އަދި"ލެޓް އިޓް ގޯ" އަށް "ބެސްޓް އޮރިޖިނަލް ސޯންގް" އެވޯޑް ހާސިލްކޮށްފަ އެވެ.

ދިގު އިންތިޒާރަކަށްފަހު 2019 ވަނަ އަހަރު ނެރުނު "ފްރޯޒަން 2" ވަނީ ފުރަތަމަ ފިލްމަށް ވުރެ ބޮޑަށް ބޮކްސް އޮފީހުގައި ހިނގައި، 1.450 ބިލިއަން ޑޮލަރު ހޯދާފަ އެވެ.

މި ފިލްމްގައި އެލްސާގެ ޖާދުވީ ބާރުތައް ލިބުނު ގޮތުގެ ހަގީގަތް ދެނެގަނެ، ރާނީގެ ޝަރަފް އާނާއަށް ދެއެވެ. އަދި ފިލްމު ނިމުމުގެ ކުރިން ކްރިސްޓޯފް އާނާ ގާތު ކައިވެނިކުރުމަށް އަހައި، އާނާ އާނއެކޭ ބުނެ އެވެ. މި ފިލްމުގެ "އިންޓު ދި އަންނޯން" ލަވަ ވަނީ "ބެސްޓް އޮރިޖިނަލް ސޯންގް" އެވޯޑް އަށް ނޮމިނޭޓްވެފަ އެވެ.

މި ދެފިލްމުގައި އެލްސާގެ ރޯލަށް އައިޑީނާ މެންޒެލް އަޑު އަޅފައިވާއިރު، އާނާގެ ރޯލަށް އަޑު އަޅާފައިވަނީ ކްރިސްޓަން ބެލް އެވެ.

މީގެ އިތުރުން ޖޮނަތަން ގްރޮފް އާއި ޖޯޝް ގެޑް އަކީ މި ދެ ފިލްމުގައިވެސް މުހިއްމު ރޯލް އަދާކުރި ކެރެކްޓާސް ކަމުގައިވާ ކްރިސްޓޯފް އާއި އޯލަފްގެ ރޯލަށް އަޑު އަޅާފައިވާ އެކްޓަރުންނެވެ.