ފިނިޕޭޖް

"ދަ ކަވްނަންޓް"ގެ ޓްރޭލާ ބަލައިފިންތަ؟

ތަފާތު ވައްތަރުގެ ރޯލްތައް ކުޅޭ ޖޭކް ޖިލިންހޯލް ދެން ފެންނާނީ އަނެއްކާ ސިފައިންގެ މީހެއްގެ ގޮތުގަ އެވެ.

މިގޮތުން ގާއި ރިޗީގެ ކުރިއަށް އޮތް ފިލްމްގައި 42 އަހަރުގެ ޖޭކް ކުޅޭނީ މިލިޓަރީ ސާޖަންޓް ޖޯން ކިންލީ ރޯލެވެ.

މި ފިލްމްގެ ކުރު ތައާރަފަކަށް ދާއިރު އަފްޣާނިސްތާންގައި ތިބި އެމެރިކާގެ ލަޝްކަރުތަކުގެ ތެރެއިން ސާޖަންޓް ކިންލީމެންގެ ލަޝްކަރަށް އެމްބުޝްއެއް ކުރުމުން، އަފްޣާނިސްތާން ބަހުގެ ތަރުޖަމާނެއްގެ ގޮތުގައި އެމެރިކާއަށް އެހީތެރިވަމުންދިޔަ އަހްމަދު، ހީނުކުރާވަރުގެ އެކި ދަތި އުނދަގޫތައް ކުރިމަތިލައި، ޖޯންގެ ފުރާނަ ސަލާމަތްކުރެ އެވެ.

އޭގެ ފަހުން އަހްމަދާއި އޭނާގެ އާއިލާއަށް ރައްކާތެރިކަމާއެކު އަފްޣާނިސްތާނު ދޫކޮށް އެމެރިކާއަށް ދެވޭނެ އިންތިޒާމު ހަމަނުޖައްސައިދިންކަން ޖޯންއަށް އެނގުމުން، އަނބުރާ އަފްޣާނިސްތާނުގެ ހަނގުރާމަ ކުރަމުންދާ ހިސާބަށް ޖޯން ގޮސް އަހްމަދާއި އާއިލާ ސަލާމަތްކުރުމަށް މަސައްކަތް ކުރެ އެވެ. އަދި އެކަން ކުރަންޖެހެނީ ތާލިބާންގެ އަތުނުވެ އެވެ.

މި ފިލްމުގައި އަފްޣާން ތަރުޖަމާން އަހްމަދުގެ ރޯލު ކުޅޭނީ ދަރް ސަލީމް އެވެ. މީގެ އިތުރުން ޖޮނީ ލީ މިލާ، އެމެލީ ބީޗަމް، ޖޭސަން ވޮންގް، އެންތަނީ ސްޓާ، އެލެކްސެންޑާ ލުޑްވިގް އަދި ފަހީމް ފަޒްލީ ފަދަ ތަރިން މި ފިލްމުގައި ހިމެނެ އެވެ.

"ދަ ކަވްނަންޓް" އެމެރިކާގެ ސިނަމާތަކުގައި ރިލީޒްކުރާނީ އޭޕްރިލް 21، 2023 ގައެވެ. އަދި ބައިނަލްއަގްވާމީކޮށް ރިލީޒްކުރާނީ އެމެޒޯން ޕްރައިމް މެދުވެރިކޮށެވެ.