ތުރުކީ

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ޑރ. މުހައްމަދު އަލީ ތުރުކީއަށް

Feb 10, 2023

ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރު ސަރަހައްދަށް އައި ވަރުގަދަ ބިންހެލުމުގައި ޒަހަމްވި އެތައްހާސް ބަޔަކަށް ފަރުވާދިނުމަށް ރާއްޖޭގެ މަޝްހޫރު ޑޮކްޓަރު -- ޑރ. މުހައްމަދު އަލީ ތުރުކީ އަށް ހިނގައްޖެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި އެހީ ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީީ)އާއި ގުޅިގެން ޑރ. މުހައްމަދު އަލީ ތުރުކީއަށް ވަޑައިގެންނެވި ނަމަވެސް އޭނާ އެތަނުގައި ގާއިމުވެ ފަރުވާ ދިނުމުގައި ހުންނަވާނީ ކިހާ ދުވަހަކު ކަމެއް އެނގިފައެއް ނުވެ އެވެ.

އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު -- މުހައްމަދު އަލީ ވަނީ އައިއޭސީއާ ގުޅިގެން މީގެކުރިންވެސް ބައެއް ގައުމުތަކަށް ދަތުރުކުރައްވައި ބައެއް މީހުންނަށް އެހީވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ބަންގްލަދޭޝްގައި ތިބި ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ފަރުވާ ދެއްވާފައިވެ އެވެ.

ޑރ. މުހައްމަދު އަލީ ތުރުކީއަށް ފުރުމުގެ ކުރިން ވިދާޅުވީ ދިވެހިރާއްޖެ އަކީ ކުޑަ ގައުމަކަށްވީ ނަމަވެސް މީހުންނަށް އެހީވުމުގައި ދިވެހިންނަކީ އަބަދުވެސް އެންމެ ކުރީގައި ތިބޭ ބައެއް ކަމަށެވެ.

ތުރުކީ ސީރިއާ ބޯޑަށް ސަރަހައްދަށް ހޯމަ ދުވަހު އައި ބާރުގަދަ ބިން ހިންލެމުގައި މިހާތަނަށް 21،000 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ލައްކައަކާ ގާތްކުރާ އަދަދަކަށް މީހުންނަށް އަނިޔާވެ، ފަރުވާ ދޭން ޖެހިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.