އާބާދީއާ އެކު އިތުރުވަމުންދާ ވެހިކަލްތައް ޕާކު ކުރުމަކީ ބިންކުޑަ ރާއްޖެއަށް ދިމާވެފައިވާ ވަރަށް ދަތި މައްސަލަ އެކެވެ. ހާއްސަކޮށް މާލެ އަދި ހުޅުމާލޭގައި ޕާކު ކުރުން ވަނީ ވަރަށް އުނދަގޫ ކަމަކަށް ވެފައެވެ.
ޕާކު ކުރުމުގެ ކަންކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެޗްޑީސީ އިން އަންނަނީ ތަފާތު ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ދާދި ފަހުން ވަނީ ކާރު އަދި ބަރު އުޅަނދު ފަހަރަށް ހާއްސަކޮށްގެން ޕާކު ކުރާނެ ޖާގަތަކެއް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުން ދޫކޮށްފަ އެވެ.
މިވަގުތު އެޗްޑީސީ އިން ދަނީ ސްމާޓް ޕާކިން ހުޅުމާލޭގައި ތައާރަފު ކުރުމަށް ތައްޔާރުވަމުންނެވެ. ރާއްޖޭގައި މުޅިން އަލަށް ތައާރަފުކުރާ ސްމާޓް ޕާކިންގެ ސަބަބުން ޕާކު ކުރުމުގެ ކަންކަމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އައުމަކީ ޝައްކެއް ހުރި ކަމެއް ނޫނެވެ.
މިވަގުތު ޕައިލެޓް ޕްރޮޖެކްޓެއް ގޮތަށް ކުރިއަށް ގެންދިމަށް ހަމަޖެހިފައިވާ ސްމާޓް ޕާކިން ސޮލިއުޝަން ޓެސްޓު ކުރުމުގެ މަސައްކަތް ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ޕާކިން ޒޯނުގައި އެޗްޑީސީ މިހާރު ވަނީ ފަށާފަ އެވެ.
ސްމާޓް ޕާކިންގައި ޕާކިން ޖާގަ ރިޒާވް ކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ޕްލޭޓްތައް ކެމެރާއެއް މެދުވެރިކޮށް ރީޑްވެގެން ހުޅުވޭ އޮޓޯ ބޫމް ގޭޓެއް ސްމާޓް ޕާކިން ޒޯންގައި ހަރު ކުރެވިފައި ވާނެ އެވެ. އަދި ޕާކު ކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާ މި ޕާކިން ޒޯންގައި ހަރުކުރެވިފައި ހުންނާނެ އެވެ.
ޒޯންގެ އެތެރޭގައިވާ ޕާކިން ޖާގަތައް ފެންނަ ގޮތަށް ހުންނަ ޑިޖިޓަލް ބޯޑެއް ޒޯންގެ ބޭރުގައި ހަރުކުރެވިފައި ހުންނާނެ އެވެ. މީގެ އިތުރުން ހަމަ އެކަނި ކާރު ޕާކިންއަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެ އެވެ.
ޕާކު ކުރުމުގެ ކަންކަން ލުއިފަސޭހަކުރުމަށްޓަކައި ޕާކިން އެޕްލިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް އެޗްޑީސީ އިން ދަނީ ކުރެވެމުންނެވެ.
މި އެޕްލިކޭޝަން ވެގެންދާނީ ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ ކަމަކަށެވެ. އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެ އެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެ އެވެ. އަދި ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމައަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕްގެ ޒަރީއާއިން ފެންނާނެ އެވެ.