ހުޅުމާލެ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ހިޔާ ކޮމިއުނިޓީ އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހިޔާ ސަރަހައްދުގެ ގޮނޑުދޮށް އަދި ފަޅުތެރެ ސާފުކުރުމުގެ ހަރަކާތެއް މިއަދު ހެނދުނު ބާއްވައިފި އެވެ.
މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފު ބައިވެރިވެވަޑައިގެންނެވި އެވެ.
އެޗްޑީސީން ބުނީ މި އަހަރު ތެރޭގައި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސައް މީހުން އާބާދުވަމުން އައުމާއިއެކު މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ އަސާސީ އެންމެހާ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.
އެގޮތުން މިހާރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތަކާއި އަދި މި ނޫންވެސް އެހެނިހެން ގިނަ ހިދުމަތްތަކެއް އެޗްޑީސީން ވަނީ ފޯރުކޮށްދީފަ އެވެ.
ނުކުޅުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ވީލްޗެއާ ރޭމްޕްތަކެއް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗުގައި ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި ރޭމްޕް ބެހެއްޓުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މޫދަށް އެރުމާއި ބީޗް ސަރަހައްދު ބޭނުން ކުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.