ބޮލީވުޑް

ޝާހް ރުކް ޚާންގެ މާއަގުބޮޑު ގަޑިއެއްގެ ވާހަކަ

ޝާހް ރުކް ޚާންގެ "ޕަޓާން" ރެކޯޑްތައް މުގުރަމުންދާއިރު މީން ދުވަހަކުވެސް ނުލިބޭ ވަރުގެ ބޯޑު ކާމިޔާބެއް ލިބުމުން ޝާހް ރުކް ހުރީ އުފަލުން ފޮޅިފަ އެވެ.

ސިދާރްތު އާނަންދް ޑައިރެކްޓްކޮށްފައިވާ "ޕަޓާން" ބޮލީވުޑް ފިލްމުތަކުން މިހާތަނަށް ހަދާފައިވާ ހުރިހާ ރެކޯޑެއް މުގުރާލާފައިވާއިރު އިއްޔެ އިން ފެށިގެން ގިނަ ބަޔަކު ޝާހް ރުކްގެ ވާހަކަ ދައްކަނީ "ޕަޓާން"އާ ގުޅުވައިގެނެއް ނޫނެވެ. އޭނާ މާއަގުބޮޑު ގަޑިއެއް އަޅައިގެން ހުރެގެންނެވެ.

"ޕަޓާން"ގެ ކާމިޔާބު ފާހަގަކުރަން ބޭއްވި ބައްދަލުވުމެއްގައި ޝާހް ރުކް އަޅައިގެން އިނީ ނޫކުލައިގެ އުޑުމާ ޕިގޭ ރޯޔަލް އޯކް ގަޑިއެކެވެ. މި ގަޑީގެ އަގު އެނގުމުން ގިނަ ބަޔަކަށް ޝޮކެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

އިންޑިއާގައި މި ވައްތަރުގެ ގަޑިއެއްގެ އަގު އުޅެނީ 4.98 ކްރޯޑަށެވެ. އެއީ ގާތްގަނޑަކަށް 250،000 ޔޫއެސް ޑޮލަރެވެ.

ޝާހް ރުކް އަކީ ބޮލީވުޑްގައި މަސައްކަތްކުރާ އެންމެ މުއްސަނދި އެކްޓަރު ކަމަށް ބައިނަލްއަގުވާމީ މަޖައްލާތަކުން ބުނެފައި ވެއެވެ. އެހެންކަމުން މިވަރުގެ ގަޑިއެއް އޭނާ އެޅުމަކީ ހައިރާންވާ ވަރުގެ ކަމެއް ނޫނެވެ.

މުމްބައިގެ ގޮނޑުދޮށުގައި ހުންނަ ޝާހް ރުކްގެ "މަންނަތު"ގެ އަގަކީ 200 ކްރޯޑެވެ. އަދި ދިއްލީގައި ވެސް އޭނާގެ ވަރަށް އަގުބޮޑު ގެއެއް ހުރެ އެވެ. އަދި އެންމެ އަގުބޮޑު ކާރުގެ ގިނަ އަދަދެއްގެ ކާރު ވެސް އޭނާގެ މިލްކިއްޔާތުގައި ހިމެނެ އެވެ.

ޝާހް ރުކްގެ ފިލްމީ ކެރިއަރަށް ބަލާއިރު ދެން އެންމެ އަވަހަށް ރިލީޒްވާނީ "ޖަވާން" އެވެ.

ސައުތު އިންޑިއާ ޑައިރެކްޓަރު އަޓްލީ އުފައްދާ މި ފިލްމުގައި ޝާހް ރުކްގެ އިތުރުން މުހިއްމު ރޯލުތަކުން ފެންނާނީ ސައުތު އިންޑިއާގެ ބަތަލާ ނަޔަންތާރާ އާއި ބަތަލު ވިޖޭ ސެތުޕަތީ އަދި ޕްރިޔާމަނީ އެވެ. ބޮލީވުޑް ބަތަލާ ސަންޔާ މަލްހޯތުރާ ވެސް މި ފިލްމުގައި ބައިވެރިވެ އެވެ.

މި ފިލްމަށްފަހު ދެން އެންމެ އަވަހަށް ރިލީޒްކުރާނީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ "ޑުންކީ" އެވެ. މި ފިލްމުގެ ބަތަލާ އަކީ ތާޕްސީ ޕަންނޫ އެވެ. އަކީ ވިކީ ކޯޝަލް ވެސް މި ފިލްމުގައި މުހިއްމު ރޯލެއް އަދާކުރާ ކަމަށް ޚަބަރުތައް ބުނެ އެވެ.