އެސްޓީއޯ

އެސްޓީއޯ އިން ތިނަދުއަަށް ހިލޭ ތެލާއި ފެން ފޯރުކޮށްދެނީ

Jan 27, 2016
4

ކަރަންޓް ނެތިގެން ހާލުގައި ޖެހިފައި އޮތް ތިނަދުއަށް އެސްޓީއޯއިން ގިނަ އަދަދަކަށް ކަރާސީނާއި ޑީސަލް ފޮނުވައިފި އެވެ. އަދި އެ ރަށަށް ބޯފެން ފޮނުވުމުގެ މަސައްކަތް ވެސް އެސްޓީއޯ އިން ވަނީ ފަށައިފަ އެވެ.

ކާޑެއްދޫ އިން ޖެޓް ފިއުލް ގެނެސްގެން ތިނަދޫގެ ރައްޔިތުންނަށް ވަނީ ބަހައިފަ އެވެ. އަދި އެ ރަށުގައި ޑީސަލާއި ކަރާސީނު ވެސް ވަނީ ހުސްވެފަ އެވެ.

އެސްޓީއޯއިން ބުނީ އެ ރަށަށް ދިމާވެފައިވާ ތެލުގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލްސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް(ގެ ބޯޓެއްގައި އެ ރަށަށް މިއަދު 5000 ލީޓަރުގެ ކަރާސީނާއި 4،000 ލީޓަރުގެ ޑީސަލް ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ، ތިނަދޫ ކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް އެއްވެސް އަގަކާނުލާ ތެޔޮ ބަހަމުން ދާނެ ކަމަށެވެ. ތިނަދޫއަށް މިވަގުތު ބޯފެނުގެ ދަތިކަންވެސް ވަރަށް ބޮޑަށް ކުރިމަތި ވެފައިވުމާއެކު ބޯފެން މާދަމާގެ ވަގުތައްގައި އެރަށަށް ފޯރުކޮށްދިނުމަށް އެސްޓީއޯ ސުޕަމާޓް އިން މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

މީގެ އިތުރަށް، ތިނަދޫއަށް އައްޑޫސިޓީން އިއްޔެ ގެންދިޔަ ޖަނަރޭޓަރާއި މިއަދު މާލެއިން ގެންދާ ޖަނަރޭޓަރު އެރަށަށް ގެންދިއުމުގައި އެސްޓީއޯ ގްރޫޕްގެ ބޯޓުފަހަރު ބޭނުން ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މިގޮތުން ތިނަދޫއަށް އައްޑޫސިޓީން އިއްޔެ ގެންދެވުނު ޖަނަރޭޓަރާއި މިއަދު މާލެއިން ގެންދާ ޖަނަރޭޓަރު އެރަށަށް ގެންދިއުމުގައި އެސްޓީއޯ ގްރޫޕްގެ ބޯޓުފަހަރު ވަނީ ބޭނުންކުރެވިފައެވެ،" އެސްޓީއޯގެ ބަޔާނުގައިވެ އެވެ.

ހޯމަ ދުވަހުގެ ރޭ އެ ރަށުން ކަރަންޓް ކަޑައިގެން ގޮސް ހާލުގައި ޖެހުނީ އެ ރަށުގެ އިންޖީނު ގޭގައި އަލިފާން ރޯވެ، ހުރިހާ އިންޖީނުތަކެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ދިޔުމުންނެވެ. އެ ރަށަށް ވަގުތީ ގޮތުން ކަރަންޓް ދިނުމަށް ގާތްގަނޑަކަށް ދެ ދުވަސް ނަގާނެ ކަމަށް ފެނަކައިގެން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ދެ މަހެއްހާ ދުަވސް ނަގާނެ ކަމަށް ފެނަކައިގެން ބުނެ އެވެ. އެހެން ނަމަވެސް ވަގުތީ ގޮތުން ގެނެވޭ ހައްލު ވެސް ފުރިހަމަވެފައި ކަރަންޓް ނުކެޑޭނެ ކަމަށް ފެނަކައިން ބުންޏެވެ. 

އެ ރަށުގެ ރައްޔިތުންނަށް އެހީވުމަށް ސަރުކާރުގެ އެކި ކުންފުނިތަކުން އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އަދި ޖަނަރޭޓަރު ވެސް އެ ރަށަށް ވަނީ ހަދިޔާކޮށްފަ އެވެ. އަދި އެތަކެތީގެ އެހީގައި އެ ރަށުގެ ހޮސްޕިޓަލާއި ސްކޫލް ފަދަ މުހިންމުތަންތަނަށް ވަނީ ކަރަންޓް ފޯރުކޮށްދީފަ އެވެ.