ދުނިޔެ

"ހަތިޔާރު ފޯރުކޮށް ދިނުމަށްވުރެ ސުލްހަ ހޯދުން މުހިންމު"

ޔުކްރޭނަށް ހަތިޔާރު ފޯރުކޮށް ދިނުމަކީ ނިމުމެއް އޮތް ކަމެއް ނޫން ކަމަށް ބުނެ -- ޖަރުމަނުގެ ސަރުކާރުން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުން -- ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ކުށްވެރިކުރައްވައިފި އެވެ.

ޖަރުމަނު އިސްވެ ޔުކްރޭނަށް ސުލްހަ ހޯދައި ނުދޭންވީ ކީއްވެތޯ މެންބަރުން ވަނީ ސުވާލުކުރައްވާފަ އެވެ.

ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދެމުންދާ ވަރަކަށް ޖަރުމަނު ވެސް ދާނީ ހަނގުރާމައިގެ ތެރެއަށް ގެނބެމުން ކަމަށް މަޖިލީހުގެ މެމްބަރުން ވިދާޅުވެ އެވެ. ޔުކްރޭނަށް މިހާރު ބޭނުންވަނީ ސުލްހައަށް މަސައްކަތް ފަަށާނެ ހަރަކާތެެއް ކަމަށްވެސް މެމްބަރުން ވިދާޅުވެ އެވެ.

ޖަރުމަނުން ހުއްޓުމެއް ނެތި، ވިސްނާލުމެއް ނެތި ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދެމުން ގޮސް -- ހަނގުރާމައިގައި ބައިވެރިވާނެ މީހުން ފޮނުވަން ޖެހޭ ހިސާބަށް ވެސް ހިނގައިދާނެ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޖަރުމަން އޮތީ ޔުކްރޭނަށް ހަތިޔާރު ފޮނުވާ ގޮތަށް ނޫން ކަމަށްވެސް މެމްބަރުން ވިދާޅުވެ އެވެ. އެހެންނަމަވެސް ސަރުކާރުގެ ރާގު ކުއްލިއަކަށް ބަދަލުކޮށް މިހާ ބޮޑު ބަދަލެއް ގެންނަން ޖެހުނު ސަބަބެއް ވެސް އޮންނާނެ ކަމަށް މެމްބަރުން ވިދާޅުވެ އެވެ.

ޔުކްރޭނަށް އެކިވަރުގެ ހަތިޔާރު ފޮނުވަމުން ގޮސް ޖަރުމަނުން މިހާރު ޓޭންކްތައް ފޮނުވުމަށްވެސް ވަނީ އެއްބަސްވެފަ އެވެ. އަނެއްކޮޅުން ޔުކްރޭނަށް ފައިޓަރު ޖެޓް ބޭނުންވާ ކަމަށް ދެކެވޭ ވާހަކަތަކުގެ ކޮޅު ޖަރުމަނާ ހަމައަށް އޮތީ ފޯރާފަ އެވެ.

ފައިޓަރު ޖެޓް ފޮނުވުމާ ބެހޭ ގޮތުން ޖަރުމަނުން އަދި ގޮތެއް ނުނިންމަ އެވެ. މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ޔުކްރޭން އެދުނުހާ ކަމެއް މިހާތަނަށް ޖަރުމަނުން ކޮށްދީފައި އޮތްއިރު ފައިޓަރު ޖެޓްތައް ވެސް އަދި ފޮނުވާނެ އެވެ.

ރަޝިއާ އާއެކު ބޮޑު ހަނގުރާމައަކަށް ދިއުމަކީ ޖަރުމަނަށް އެންމެ ރަނގަޅު ގޮތްތޯ ވެސް ބައެއް މެންބަރުން އެއްސެވި އެވެ.

ސުލްހައަށް މިހާރު މަސައްކަތް ނުފަށައިފިނަމަ ޖަރުމަނަށް ކެއްސެއް ލބިދާނެ ކަމަށް ބުނެ މެމްބަރުން ވަނީ އޯލަފް ޝޯލްޒްގެ ސަރުކާރު ވިސްނުމަށް ގޮވާލައްވާފަ އެވެ.