ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖުގެ މޫދު ތަނބުތައް ޖެހުމުގެ މަސައްކަތް ފަށައިފި

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ ތިލަ މާލެ ބްރިޖްގެ މޫދުގައި ޖަހަންޖެހެ ތަނބުތައް ޖެހމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ތިލަމާލެ ބްރިޖްގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން މިއަދު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭގައި ޖަހަންޖެހޭ ތަނބުތަކުގެ މަސައްކަތްތަށް ނިމިފައިވާ ކަމަށައި މާލެ އަދި ވިލިމާލެއާ ދެމެދު ކަނޑުގައި ޖަހަންޖެހޭ ތަނބުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އޭނާ ވިދާޅުވީ މާލެ ވިލިމާލެ ބްރިޖުން ގުޅާލުމުގެ ގޮތުން، ވިލިމާލެ އިން ބައެއް ހިއްކަން ޖެހޭ ކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ ގޮތުން އަޅަން ޖެހޭ ބަންދުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ގުޅީފަޅުގައި ބްރިޖްގެ މެއިން ކާސްޓިންގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ބްރިޖްގެ މަސައްކަތް މާލެއިން ގުޅީފަޅާ ހަމައަށް މިއަހަރުގެ ޑިސެމްބަރު މަހަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަންވެސް ޖިނާން ދެއްވި އެވެ. އަދި 2024 ވަނަ އަހަރުގެ މޭ މަހު ތިލަފުއްޓާ ހަމައަށް ބްރިޖްގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މައިލްސްޓޯނަކީ މިތާރީހުތަކަށް ބްރިޖް ގުޅުވާލުމުގެ މަސައްކަތްތަށް ނިންމުން،" ޖިނާން ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ އޯގަސްޓް 26، 2021 ގައެވެ. އެފްކޯންސް އަކީ އައްޑު އަތޮޅުގެ މަގުތައް ހެދުމުގެ މަޝްރޫއު ވެސް ހިންގާ ކުންފުންޏެވެ.

އިންޑިއާ ސަރުކާރުން ފަންޑުކޮށްގެން ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިން އަކީ ލޯނުތަކާ ހިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ.

އިންޑިއާއިން ވަނީ ތިލަމާލެ ބްރިޖު އަޅަން ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231.3 މިލިއަން ރުފިޔާ) ވެސް ދީފަ އެވެ.

ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރު ދިގު ބްރިޖެކެވެ.