ފިނިޕޭޖް

ބެން އާއި މެޓްގެ ފިލްމު އޭޕްރީލް 5ގައި

އެމެޒޯން ސްޓޫޑިއޯސް އާއި އެކްޓަރުން އަދި ޕްރޮޑިއުސަރުން ކަމުގައިވާ ބެން އެފްލެކް އާއި މެޓް ޑޭމަންގެ ނައިކީ ގުޅިގެން އުފެއްދި ފިލްމު -- "އެއާ" އެމެޒޯން އިން ސިނަމާތަކުގައި މިއަހަރުގެ އޭޕްރީލް ފަސްވަނަ ދުވަހު ރިލީޒްކުރަނީ އެވެ.

"އެއާ" އަކީ އެމެރިކާގެ ބާސްކެޓްބޯލް ލެޖެންޑެއް ކަމުގައިވާ މައިކަލް ޖޯޑަން އާއި ނައިކީގެ ކާމިޔާބު ޕާޓްނަޝިޕްގެ މައްޗަށް ހަދާ ފިލްމެކެވެ.

1980ގެ އަހަރުތަކުން ފެށިގެން ނައިކީ އިން މައިކަލް ޖޯޑަންއާ އެކު ޕާޓްނަޝިޕް ހަދަން ވަރަށް މަސައްކަތް ކުރި އެވެ. އަދި މިކަން ކާމިޔާބުވެ، ލޯންޗުވެގެން ދިޔައީ އެތައް ބިލިއަން ޑޮލަރެއްގެ ޒަމާނީ ސްނީކާ އިންޑަސްޓްރީ އެކެވެ.

މި ފިލްމްގައި މެޓް ޑޭމަން އަދާކުރީ ނައިކީގެ ސްނީކާ ސޭލްސްމަން އަދި މައިކަލްއާ އެކު ޑީލް ހެދި ސަނީ ވަކާރޯގެ ރޯލެވެ.

މި ފިލްމު ޑައިރެކްޓްކުރުމުގެ އިތުރުން ބެން އެފްލެކް ނައިކީގެ ކޯ-އޯނާ ފިލް ނައިޓްގެ ރޯލް އަދާކުރެ އެވެ.

މީގެ އިތުރުން ވަޔޯލާ ޑޭވިސް، ޖޭސަން ބޭޓްމަން، ކްރިސް ޓަކާ، މާލޮން ވަޔަންސް، ކްރިސް މެސީނާ، ޖޫލިއަސް ޓެނަން ފަދަ ތަރިން މި ފިލްމުގައި ހިމެނެ އެވެ. މި ފިލްމުގައި ސީދާ މައިކަލް ޖޯޑަންގެ ކެރެކްޓާ ނުފެންނާނެ އެވެ.

އެމެޒޯން ސްޓޫޑިއޯޒް އިން މި ފިލްމު އިޝްތިހާރުކުރުމުގެ ގޮތުން ވަނީ އެމެރިކާގެ ސުޕާބޯލް އިވެންޓްގައި ހަތް މިލިއަން ޑޮލަރު ހޭދަކޮށްގެން އެޑް ސްލޮޓެއް ގަނެފަ އެވެ.

މި ފިލްމަކީ 2019 ގެ "ލޭޓް ނައިޓް" އަށް ފަހު ސިނަމާތަކަށް ރިލީޒްކުރާ ފުރަތަމަ ފިލްމެވެ.

މި ފިލްމް އެމެޒޯން ޕްރައިމަށް ރިލީޒްކުރާނީ ބައިނަލްއަގްވާމީ ސިނަމާތަކުގައިވެސް ކުރިން އެ ސްޓޫޑިއޯއިން ތިއެޓްރިކަލް-ރިލީޒް ހަދާ މުއްދަތަށް ވުރެ ދިގު މުއްތަކަށް އެޅުވުމަށް ފަހުގަ އެވެ.