ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު އެކުލަވާފައި އޮތީ ޝަރުއީ ދާއިރާއާއި ފަނޑިޔާރުންގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ވަންނަ ގޮތަށް ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވި ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ޖަލްސާގައި ރޭ ވާހަކަދައްކަވަމުންނެވެ.
ފާއިޒު ވިދާޅުވީ ޖޭއެސްސީ މިހާރު އެކުލަވާލާފައިވާ ގޮތަށް އެކުވާލީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އެކުލަވާލި ދުވަސްވަރު މިހާރު މިއޮތް ގޮތަށް ޖޭއެސްސީ އެކުވާނުލުމަށް ޝަރުއީ ދާއިރާ އިންނާއި ފަނޑިޔާރުން އެދެމުން ދަނިކޮށް ކަމަށެވެ.
ފާއިޒުގެ އެންމެ ބޮޑު ކަންބޮޑުވުމަަކަށް ވެފައިވަނީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ވަކިން ހާއްސަކޮށް ސިޔާސީ ޕާޓީތަކުގެ ލީޑަރުން ތިއްބެވުމެވެ. ފާއިޒު ވިދާޅުވީ ކޮންމެ ހައިސިއްޔަތަކުން ތިއްބެވި ނަމަވެސް އެއީ ސިޔާސީ ބޭފުޅުން ކަމަށްވާތީ އެބޭފުޅުންގެ ނުފޫޒު ޝަރުއީ ދާއިރާއަށް އޮންނާނެ ކަމަށެވެ.
"ދުނިޔޭގެ ކޮންމެ ގައުމެއްގައިތޯ ފަނޑިޔާރުންނާ މެދު ސުލޫކީ ފިޔަވަޅު އަޅަން އޮންނަ މުއައްސަސާގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ތިއްބެވީ،" ފާއިޒު ސުވާލު އުފެއްދެވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް އިސްލާހުކުރުމަށް ގާނޫނުއަސާސީއާއި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ތައްޔާރުވަމުންދާއިރު ޝަރުއީ ދާއިރާ އިންނާއި ފަނޑިޔާރުން އެކަމުގައި ބައިވެރިވެ ރަނގަޅު ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމަށެވެ.
ޝަރުއީ ދާއިރާގައި މަސައްކަތް ކުރެއްވި ދުވަސްވަރުގެ ތަޖުރިބާތައް ހިއްސާކުރައްވަމުން ފާއިޒު ވިދާޅުވީ ޝަރުއީ ދާއިރާއަށް ލިބެންޖެހޭ ބަޖެޓާއި ވަސީލަތްތަކާއި ފަނޑިޔާރުންނަށް ލިބެންޖެހޭ އިނާޔަތްތައް ހޯދުމަކީ އެއްވެސް އިރެއްގައި ފަސޭހަކަމެއް ނޫން ކަމަށެވެ. ޝަރުއީ ދާއިރާއަށް އެންމެ ފުރަތަމަ ކާރެއް ލިބުނީ ވެސް ފަނޑިޔާރުން އެކި ބޭފުޅުންނަށް ހުވާލައިދެއްވުމަށް ރައީސް އޮފީހަށް ސައިކަލްގައި ދާންޖެހޭތީ ސައިކަލްގައި ވަޑައިގަތުމަށް ފަނޑިޔާރުން އިންކާރުކުރެއްވުމާ ގުޅިގެން ކަމަށެވެ.
"ސުޕްރީމް ކޯޓުގައި މިހާރުވެސް އޮންނާނެ ހުދު ކުލައިގެ ކާރެއް. އެންމެ ދުވަސްވީ ކާރު އެއީ އެތަނުގައި،" ފާއިޒް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަންކަމާ އެކު ހިނގައިގަންނާނީ މާލީ ގޮތުން މިނިވަންކަން ދީގެން ކަމަށެވެ. ނަމަވެސް އެފަދަ މިނިވަންކަމެއް ނެތް ކަމަށް ދޭހަވާ ގޮތަށް ފާއިޒު ވާހަކަދެއްކެވި އެވެ.
ފަނޑިޔާރުންނަކީ އެބޭފުޅުންގެ މަސްއޫލިއްޔަތާއި ޒިންމާއާއި ގުޅިގެން އާންމު މީހުންނާ އެކަހެރިކޮށް މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށްވާތީ ފަނޑިޔާރުންނަށް ހާއްސަކޮށްގެން މުނިފޫހިފިލުވޭނެ ގޮތްތަކެއް ހަމަޖައްސަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
އަހްމަދު ފާއިޒު އުއްތަމަ ފަނޑިޔާރަކަށް ހުންނަވަނިކޮށް މަގާމުން ދުރުކުރީ އެމަނިކުފާނުގެ ގާބިލްކަމާ ދޭތެރޭ ސުވާލު އުފެއްދުމަށްފަހު ޖޭއެސްސީ އިން އެމަނިކުފާނު އެ މަގާމުން ވަކިކުރަން ނިންމާ، މަޖިލީހަށް މައްސަލަ ހުށަހަޅައިގެން މަޖިލީހުން ފާސްކޮށްގެންނެވެ.