ހެއްކާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައި ތައާރަފު ކޮށްފި އެވެ.
ސަރުކާރުން ސްޕޮންސާ ކޮށްފައިވާ މި ބިލް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ. ބިލްގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފަ އެވެ.
މި ބިލް ހުށަހެޅީ މިހާރު އަމަލު ކުރާ ހެއްކާބެހޭ ގާނޫނަކީ މި ޒަމާނަށް ކަމުދާ ގާނޫނަކަށް ނުވާތީވެ ޒަމާނީ ގާނޫނެއް ގެނައުމަށެވެ. މަޖިލީހަށް ހުށަހެޅި ބިލްގައި ހެކީގެ ބާވަތްތަކާއި ހެކި ދަރަޖަ ކުރެވިގެންވާ ގޮތާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ބަސް ނެގުމާއި ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅައި ދީފައިވެ އެވެ.
މަދަނީ އަދި ޖިނާއީ މައްސަލަތަކުގަ އާއި އިސްލާމް ދީނުގައި ހައްދު އަދި ގިސޯސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތު ކުރުމުގެ ޒިންމާއާ ގުޅޭ އުސޫލުތައް ކަނޑައެޅުން ވެސް ބިލްގައި ހިމެނެ އެވެ.
މީގެ އިތުރުން ހެކި ހުށަހެޅުމަކާ ނުލައި ސާބިތު ވެގެންވާ ކަންކަމުގެ ގޮތުގައި ކޯޓުން ބަލައިގަންނާނެ ކަންކަން ވެސް ބިލްގައި ބަޔާން ކޮށްފައިވެ އެވެ. އަދި ހެކީގެ ގޮތުގައި ހުށަނޭޅޭނެ އިމްތިޔާޒު ލިބިގެންވާ ކަންކަމާއި އެ ނޫން ވެސް ހެއްކާ ބެހޭ އާންމު އުސޫލުތައް ވެސް ބިލްގައި ކަނޑައަޅާ ދީފައިވެ އެވެ. ހެކި ބަސް ދޭ މީހާއަށް ރައްކާތެރިކަން ދޭން ޖެހޭ ނަމަ އެކަން ކުރާނެ ގޮތްތައް ވެސް ބުނެދީފައިވެ އެވެ.
ހެއްކާ ބެހޭ ބިލަކީ 19 ބާބު ހިމެނޭ 150 މާއްދާގެ މައްޗަށް އެކުލެވޭ ބިލެކެވެ.
ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ހެއްކާބެހޭ ގާނޫނަކީ 1976 ވަނަ އަހަރު ފާސްކޮށްފައިވާ ހަތް މާއްދާގެ މައްޗަށް އެކުލެވޭ ގާނޫނެކެވެ.