ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޝަރުއީ ދާއިރާ މިނިވަންކޮށް އިތުބާރު ހޯދިއްޖެ: ރައީސް

Feb 9, 2023
1

ޝަރުއީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު، މުސްތަގިއްލު ބާރެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ޤަޟާއީ އަހަރު 2023" އިފްތިތާހް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފަނޑިޔާރުގޭގެ ޒިންމާއަކީ އެންމެހައި ފަރުދުންގެ މެދުގައި އަދުލުއިންސާފު ގާއިމުކޮށްދިނުމާއި އަނިޔާއިން އެއްކިބާވެ އަދުލަށް ނިޔާ ކަނޑައަޅައި، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުން ކަމަށެވެ. އެ ޒިންމާ އަދާކުރެވޭނީ ގާނޫނުގެ ވެރިކަން ދެމެހެއްޓުމަކީ، ފަނޑިޔާރުގޭގެ އެންމެ އިސް އަމާޒުކަމުގައި ހަދައިގެން ކަމަށާއި އެ އަމާޒު ހާސިލްކުރެވޭނީ ފަނޑިޔާރުންގެ ހުކުމްތައް ބިނާކުރާ މަސްދަރަކީ އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީއާއި ގާނޫނުތައް ކަމަށް ހަދައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"އެ މިނިވަންކަމާއި ބާރު، ރާއްޖޭގެ ގާނޫނުއަސާސީން އޮތީ ފަނޑިޔާރުގެއަށް ދީފައި. ޝަރުއީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު، މުސްތަގިއްލު ބާރެއްގެ ގޮތުގައި. ފަނޑިޔާރުގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭންޖެހޭ އެހެން ބަޔަކު ނުތިބޭނެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވުރު، މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް މިހާރު އަޅުގަނޑަށް ދެންނެވިދާނެ،" ރައީސް ވިދާޅުވި އެވެ.

ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން ކަމަށާއި އެ އިތުބާރު އުފެއްދުމަކީ، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް މުހިއްމު އަމާޒެއް ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެދެނީ، އަލަށް ހުކުމް ކުރުމުން އަދި އެ ހުކުމަކީ ކަމުގެ މުއާލާތް ނުކެނޑެނީސް ނުވަތަ ވަގުތު ފާއިތުވުމުގެ ކުރިން އިއްވާ ހުކުމަކަށް ވެގެން ކަމުގައިވެސް ވިދާޅުވި އެވެ. މިއަދުވެސް ބައެއް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކޯޓުތަކުގައި މައްސަލަތައް ލަސްވުން ކަމަށްވެސް ވިދާޅުވި އެވެ.

"އެ ޝަކުވާއަށް ހޯދައިދެވުނު އެއް ހައްލަކީ އޮންލައިންކޮށް ޝަރީއަތްތައް ހިންގޭނެ ނިޒާމުތައް ރާއްޖޭގެ ހުރިހާ ކޯޓެއްގައިވެސް ގާއިމުކޮށް ނިންމުން. މި ބަދަލުގެ ސަބަބުން ދަތުރު ހަދައިގެން ކޯޓަށް ހާޒިރުވުމަށް ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކާއި ކުރަންޖެހޭ އެތައް ހަރަދަކުން ސަލާމަތްވެއްޖެ. މިހާރު ކުރިއަށްދާ އަނެއް މުހިއްމު ކަމަކީ ޝަރުއީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް 2020 ވަނަ އަހަރު ފެށި މަސައްކަތް. މިދިޔަ ދެ އަހަރުގެ ތެރޭގައި އެ މަސައްކަތަށް ޖުމްލަ 22.6 މިލިޔަން ރުފިޔާ ޚަރަދުވެއްޖެ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރުއީ ދައިރާ އިސްލާހުކުރުމަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ކޯޓުތަކުގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އެއް އިސްލާހަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑިސްޓްރިކްޓް ކޯޓުތަކެއް އުފެއްދުން ކަމަށާއި އެއީ މާލޭގައި ހުރި ސުޕީރިއާ ކޯޓުތަކުގެ އިހްތިސާސްގައި ހިމެނޭ މައްސަލަތައް ބެލުމަށް އުފައްދާ ކޯޓުތަކެއް ކަމުގައި ވިދާޅުވި އެވެ. އެ ކޯޓުތައް އުފެދުމުން ރަށްރަށުގައި ދިރިއުޅޭ މީހުން އަދުލު އިންސާފަށް ވާސިލްވުމަށް މިހާރު އުފުލަންޖެހޭ ބުރަ ވަރަށް ބޮޑަށް ލުއިވެގެން ދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ގެންނަން ހުށަހަޅާފައިވާ އަނެއް ބަދަލަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް މުޅިން އަލަށް ސާކިޓް ކޯޓުގެ ނިޒާމު ތައާރަފްކުރުން. އެ ނިޒާމުގެ ސަބަބުން މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް، އަވަހަށް ނިންމުމަށް މަގުފަހިވެގެންދާނެ. އޭގެ އިތުރުން އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމެއް އެކުލަވައިލުމުގެ މަސައްކަތްވެސް މިހާރު އެބަ ކުރިއަށްދޭ. އިރާދަކުރެއްވިއްޔާ މިއަހަރުގެ ފަހުކޮޅު ކޯޓުތަކުގައި މި ސިސްޓަމް ބޭނުންކުރަން ފެށޭނެ." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއަށް މިދިޔަ އަހަރު މުހިއްމު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެ ބަދަލުތަކުގެ ތެރެއިން ރައްޔިތުންނަށް މަންފާވާ އެއް ކަމަކީ މަދަނީ އިޖުރާއާތުގެ ގާނޫނަށް މިދިޔަ އަހަރު އަމަލުކުރަން ފެށުން ކަން ފާހަގަކުރެއްވި އެވެ. ބައި ގަރުނަށް ވުރެ ދިގު މުއްދަތަކަށް ފަހު، ހެއްކާބެހޭ މުޅިން އާ ގާނޫނެއް އެކުލަވާލައި މިދިޔަ އަހަރު ތަސްދީގުކޮށް މިދިޔަ މަހުން ފެށިގެން އަމަލުކުރަމުންދާ ކަންވެސް ފާހަގަކުރެއްވި އެވެ.

"ޝަރުއީ ދާއިރާ އަށް ބޭނުންވަނީ މި ބަދަލުތައް އެކަންޏެއް ނޫން. ކޯޓުތަކުގެ އުމްރާނީ ތަރައްގީއަކީ ވެސް، އަދަލު އިންސާފު ގާއިމުކުރުމަށްޓަކައި ވަރަށް މުހިއްމު ކަމެއް. މި ސަރުކާރު ފެށުނުއިރު ވެސް، ކޯޓުތަކުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު. ކޯވިޑްގެ ދަތިކަމުގެ ތެރޭގައިވެސް، އައު ކޯޓުތައް އިމާރާތްކުރުމާއި، ކޯޓުތަކުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫއުތައް ވަނީ ފަށާފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކި އަތޮޅުތަކުގެ އަށް ރަށެއްގައި ކޯޓު އިމާރާތްކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓްގައި އަލަށް ހިމަނާފައިވާނެ ކަމަށެވެ. ހައި ކޯޓާއި މާލޭގައި ހުރި ސުޕީރިއާ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް، ހުޅުމާލޭގައި ހަދާ ކޯޓު ކޮމްޕްލެކްސްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ނިންމައި، އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އައްޑޫގައި ހަދާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތްވެސް މިހާރު އޮތީ ބީލަން މަރުހަލާ ނިމި ބަޔަކާ ހަވާލުކުރުމުގެ މަރުހަލާގައި ކަން ފާހަގަކުރެއްވި އެވެ.

"ކްރިމިނަލް ކޯޓަށް ކުރިމަތިވެފައިވާ އިމާރާތުގެ މައްސަލައަށް ވެސް އަޅުގަނޑުމެން އެބަ ހައްލެއް ހޯދަން. އެ މަސައްކަތް މިހާރު ވާނީ އެޗްޑީސީއާ ހަވާލުކޮށްފައި. އިރާދަކުރެއްވިއްޔާ މާގިނަ ދުވަސްތަކެއް ނުވެ އެކަމަށްވެސް ހައްލެއް ލިބިގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ޝަރުއީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަކީ ސަރުކާރުގެ އިޖުތިމާއީ އަދާލަތުގެ އެންމެ މުހިންމު އެއް ވައުދު ކަމަށެވެ. އެ ވައުދު ފުއްދުމުގެ މަގު ފަހިކުރުމަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ނުވަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިންދިޔަ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. މީގެތެރެއިން ހަ ބިލެއް ގާނޫނަކަށްވެ އަމަލުކުރަން ފަށާފައިވާ ކަމަށާއި އަނެއް ތިން ބިލު އޮތީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ކަމަށްވެސް ވިދާޅުވި އެވެ.