ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތަހުގީގީ އިދާރާތަކުގެ ގުޅުން ބަދަހިކޮށްދިނުމަށް އެދިވަޑައިގެންފި

Feb 10, 2023

މައްސަލަތަކުގެ ތަހުގީގީ މަރުހަލާތަކުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި މިހާރަށް ވުރެ ބަދަހި ގުޅުމެއް އުފެއްދުމަށް ރައީސް އިބްރަހީމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފި އެވެ.

ޝަރުއީ ދާއިރާ އިން އިންތިޒާމު ކުރާ "ޤަޟާއީ އަހަރު 2023" އިފްތިތާހް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ތަހުގީގު މަރުހަލާއިން ފެށިގެން ދައުވާ ކުރުމާއި ނިޔާ ކަނޑައެޅުމާ ދެމެދު ކަޑައްތުކުރާ ހުރިހާ މަރުހަލާތަކަކީވެސް އަދުލު އިންސާފު ގާއިމުކުރުމުގެ ވަރަށް މުހިއްމު މަރުހަލާތަކެއް ކަމަށެވެ. ރައްޔިތުންގެ ހިތްތަކުގައި އިތުބާރާއި ޔަގީންކަން އުފެއްދުމަށްޓަކައި ތަހުގީގު މަރުހަލާތަކުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި މިހާރަށް ވުރެ ބަދަހި ގުޅުމެއް އުފައްދަން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޝަރުއީ ދާއިރާގެ ވާހަކަދައްކާއިރު ގާނޫނީ ވަކީލުންގެ ދައުރުވެސް ވަރަށް މުހިއްމު ކަމަށެވެ. ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ފަނޑިޔާރުގެއިން ކުރާ މަސައްކަތުގެ ވަރަށް ބޮޑު ހިއްސާއަކީ ތަހުގީގުގެ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާގައި ގާނޫނީ ވަކީލުން އަދާކުރާ މުހިންމު ދައުރު ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

"އެހެންކަމުން ގާނޫނީ ވަކީލުންގެވެސް އެންމެ މަތީ ޒިންމާއަކަށް ވާންޖެހޭނީ އަދުލު އިންސާފު ގާއިމުކުރުމަށް މަސައްކަތް ކުރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަދުލު އިންސާފު ލިބުމަކީ ދައުލަތުގެ ދުސްތޫރުން ހިމާޔަތާއި ރައްކާތެރިކަން ލިބިގެން އެ ގައުމެއްގެ ދިދައިގެ ހިޔަލުގައި ވެގެން އުޅޭ ހަމަ ކޮންމެ މީހަކަށްމެ އެމީހެއްގެ ހައްގުތައް ފުރިހަމައަށް ލިބިދިނުން ކަމަށެވެ. އަދުލު އިންސާފު ލިބުމަކީ، ބޯހިޔާވަހިކަމުން ވެސް، ސިއްހަތު ސަލާމަތް ކުރުމުގައިވެސް، އަދި ތައުލީމު ހޯދުމުގައިވެސް އެމީހަކަށް ހައްގު މިންވަރު ލިބުން ކަމުގައިވެސް ވިދާޅުވި އެވެ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މިސަރުކާރުން ކުރަމުން އައީ އެ މަސައްކަތް ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުއްމީދަކީ ޝަރުއީ ދާއިރާ އިސްލާހްކޮށް ހަރުދަނާ ކުރުމަށް، ސަރުކާރާއި ޝަރުއީ ދާއިރާއިން ކުރަމުން މިއަންނަ މަސައްކަތުގެ ސަބަބުން، ރައްޔިތުންގެ ހިތްތަކުގައި ރާއްޖޭގެ ފަނޑިޔާރުގެއާ މެދު އިތުބާރާއި ޔަގިންކަން އުފެދިގެން ދިއުން. އަދި އަދުލު އިންސާފާ ގުޅޭ އެންމެހައި މައްސަލަތައް، ހުރިހާ މަރުހަލާތަކަކުން ވީހާވެސް އަވަހަކަށް ނިމި، ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ގާއިމުވެގެން ދިއުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީއާ އެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އުފައްދައި، އެ ކޮމިޝަން ހިންގަމުން އަންނަނީ ގާނޫނުއަސާސީ އިން ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ކަމަށެވެ. އޭގެ ފަހުން މިވީ 14 އަހަރުގެ ތެރޭގައި ކުރެވުނު ތަޖުރިބާއަށް ބަލާއިރު އެ ކޮމިޝަން އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަން ކުރެވެން އޮތީ ގާނޫނުއަސާސީއާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު އިސްލާހުކޮށްގެން ކަމަށާއި އެކަމަށް ބޭނުންވާ ބިލްތައް އެކުލަވާލައި ނިމި، މިހާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައި ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. މިބިލްތައް މަޖިލީހަށް ހުށަހެޅުމުން ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ މައިގަނޑު ބަދަލުތަކުގެ މަސައްކަތް ނިމިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެހެންނަމަވެސް ޝަރުއީ ދާއިރާ ތަރައްގީކުރުމުގެ މަސައްކަތް އެހިސާބުން ނިމުނީކީ ނޫން. ރައްޔިތުންގެ ހައްގުތައް ހޯދައިދީ އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ޝަރުއީ ދާއިރާ ތަރައައްގީށް ހަރުދަނާ ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާނެ. އަދުލު އިންސާފު ގާއިމުކުރުމަކީ ހަމައެކަނި ކޯޓު މަރުހަލާތަކުން ހާސިލްވާ ކަމެއް ނޫން. އަދުލު އިންސާފުގެ ދާއިރާ އެއަށް ވުރެ މާފުޅާ. އެއީ މުޅި ދައުލަތުގެ ޒިންމާއެއް. އެއީ ދައުލަތުގެ ތިން ބާރުން ކުރެވޭ މަސައްކަތުން ގާއިމުކުރެވޭ އެއްޗެއް." ރައީސް ވިދާޅުވި އެވެ.