ސަރުކާރުން މިހާރު ފަށާފައިވާ މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތް ނިމިގެން ދާއިރު ޝަރުއީ ދާއިރާގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.
"ޤަޟާއީ އަހަރު 2023" އިފްތިތާހް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އަހަރު ޝަރުއީ ދާއިރާއަށް އޮތީ 440 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ނަމަވެސް މިއަހަރު ޝަރުއީ ދާއިރާއަށް 605 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދީފައިވާތީ މިއަދަދަކީ 2018 ވަނަ އަހަރާ އަޅައި ބަލާއިރު 35 އިންސައްތައިގެ އިތުރުވުމެއް ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
ޝަރުއީ ދާއިރާގެ އިތުބާރު އެ މައްޗަށް ބިނާވާ މައިގަނޑު އަސާސަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެކަމަށްޓަކައި ފަނޑިޔާރުންގެ ޒަރޫރީ ބޭނުންތައް ހަމަޖެހިފައި ހުރުން ކޮންމެހެން މުހިންމު ކަމަށާއި މާލީ އިނާޔަތްތަކާއި ބޯހިޔާވަހިކަމުގެ މައްސަލައަކީ ކޮންމެހެން ހައްލުކޮށްދޭންޖެހޭ ކަންތައްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ. ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ މިމައްސަލައަށް ލިބޭނެ ހައްލެއް ކަމުގައިވެސް ވިދާޅުވި އެވެ.
"އެބިލު ގާނޫނަކަށްވުމުން، ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފަނޑިޔާރުންނަށް ވަކި އަދަދަކަށް ފްލެޓް ކަނޑައެޅިގެންދާނެ. އެފަދަ މަޝްރޫއުތައް ނެތް ރަށްރަށުގައި ތިއްބަވާ ފަނޑިޔާރުންގެ ލިވިން އެލަވަންސްގެ މިންވަރުވެސް، ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 އިންސައްތައަށް ވުރެ ކުޑަނުވާނެ ގޮތަކަށް ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފަނު ވިދާޅުވީ މެޖިސްޓްރޭޓުންގެ މުސާރަ މިދިޔަ އަހަރު މިސަރުކާރުގައި ބޮޑުކޮށްދީފައިވާނެ ކަމަށެވެ. އަދި އެއީ ހެޔޮ ބަދަލެއް ކަމުގައިވެސް ވިދާޅުވި އެވެ.
"މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ދެންނެވި ފަދައިން ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެންދާއިރު، ޝަރުއީ ދާއިރާގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ،" ރައީސް ވިދާޅުވި އެެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަރުއީ ދާއިރާގައި 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ބޭފުޅުންނަށް1 އެބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފަ އެވެ.